ކުޅިވަރު

ލިވަޕޫލްއާ ދެކޮޅަށް ނުކުންނައިރު އެތުލެޓިކޯގެ އަނިޔާގެ ލިސްޓު ދިގުވަނީ


ޔުއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޗެމްޕިއަން ލިވަޕޫލްއާ ދެކޮޅަށް ނުކުންނަން ތައްޔާރުވާއިރު އެތުލެޓިކޯ މެޑްރިޑުގެ އަނިޔާގެ ލިސްޓު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ކޯޗު ޑިއެގޯ ސިމިއޯނޭ ބުނީ ސްޕެނިޝް ލީގުގައި ވެސް މި ސީޒަނުގައި ނަތީޖާ ރަނގަޅު ނުކުރެވިގެން އުޅޭއިރު ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް އޭނާގެ ޓީމުގެ ހާލަތު ފެންނަނީ ދެރަވަރުކޮށް ކަމަށެވެ.

މި މެޗުގައި އެތްލެޓިކޯގެ މެދުތެރެއިން ތިއާގޯ އަލްމަންޑާ އަށް އަދި އެލެކްސް ބައެނާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ދެ ކުޅުންތެރިންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. ޓީމުގެ އެންމެ އިތުބާރު ފޯވަޑް އާޖެންޓީނާގެ ހޫލިއަން އަލްވަރާޒް އާއި ޖޮނީ ކަރްޑޯސޯ ވެސް ލިވަޕޫލަށް ދަތުރެއް ނުކުރެ އެވެ. ދެ ކުޅުންތެރިން ވެސް ތިބީ ސްޕޭނުގައި މަޑުކޮށްގެންނެވެ. އެއީ ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށެވެ.

ކޯޗު ސިމިއޯނޭ ބުނީ ދަތިކަމެއްގެ ތެރެއިން ވެސް މެޗަށް ރަނގަޅަށް ތައްޔާރުވާން މަސައްކަތް ކުރާނެ ކަމަށެވެ.

"ލިވަޕޫލަކީ އާދައިގެ ޓީމެއް ނޫން. އެމީހުން ވަރަށް ވަރުގަދަ ވާނެ. އެމީހުންނާ ދެކޮޅަށް ކުޅެން އަހަރުމެން ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ މިވީ ގޮތުން. މުހިންމު ކުޅުންތެރިން ނެތުމަކީ އެ މަގާމުތަކަށް ކުޅެން ފުރުސަތު ލިބޭ ކުޅުންތެރިން ފުރަތަމަ 11ގެ ޖާގަ ޔަގީން ކުރަން ލިބޭ ފުރުސަތެއް،" ކޯޗު ބުންޏެވެ.

މި މެޗަށް ތައްޔާރުވަމުން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނީ އޭނާގެ އެންމެ ވަރުގަދަ 11 މި މެޗަށް ނެރެވޭނެ ކަމަށާއި އެތްލެޓިކޯ އަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ޓީމެއް ކަމަށެވެ.

"އަހަރެން އެންމެ ފަހުން އެތްލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗަކީ އޭގެ އަނެއް ދުވަހު ވެސް އަހަރެން އެ މީހުންނާމެދު ވިސްނަން ޖެހުނު މެޗެއް. އެހެންވީމާ އެއީ މޮޅު ޓީމެއްކަން ދަނެގެން ލިވަޕޫލް ނުކުންނާނީ،" ކޯޗު ބުންޏެވެ.

ހުސްވި ސީޒަނުގައި މި ދެ ޓީމު ކުޅުނު މެޗަކީ ލިވަޕޫލަށް ނާކާމިޔާބުވި މެޗެކެވެ.