ޚަބަރު

ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ޞިއްޙީ ޚިދުމަތަށް ހާހެއްހައި މުވައްޒަފުން ނެރެވިއްޖެ: ވަޒީރު ނާޡިމް


  • މިއީ ފަހުގެ ތާރީޚެއްގައި ޞިއްޙީ ދާއިރާއަށް އެންމެ ގިނަ މީހުން ނެރެވުނު މުއްދަތު

  • ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް

ފަހުގެ ތާރީޚެއްގައި ޞިއްޙީ ދާއިރާއަށް މުވައްޒަފުން ނުހޯދޭހާ މިންވަރަށް އަދުގެ ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި މުވައްޒަފުން ޚިދުމަތަށް ނެރެފައިވާކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ސިއްޙީ ނިޒާމެއްގައި ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހަށްވުރެ ވަކި މުހިންމު ދުވަހެއް ނާންނާނެކަމަށެވެ. މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރުން ބާރުއަޅާފައިވަނީ ޚާއްސަކޮށް ކުޑަކުދިންނަށް އަދި އަލަށް އުފަންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދުނުމުގެ މުހިންމުކަމުގެ މައްޗަށްކަމަށެވެ. ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި އޭގެ އެންމެ މުހިންމު އެއް އަސާސަކީ ރައްކާތެރިވެވޭނެފަދަ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށް ސަމާލުކަންދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާ ހަރުދަނާކުރުމުގެ މުހިންމު ކަންތައްތަކެއް ސަރުކާރުން ފަށައިގަނެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި އިފްތިތާހުކުރެވުނު ލައިސެންސިންގ ސޮފްޓްވެއަރގެ މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޕޭޝަންޓް ސޭފްޓީ ޗެންޕިއަންސް ޓްރެއިނުން ޕްރޮގްރާމް އިފްތިތާހުކުރުމާއި، ޕޭޝަންޓް ސޭފްޓީ ޕާތްވޭގެ މަސައްކަތްތައް ފަށައިގެން ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހިރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ މިއަދުގެ ސަރުކާރުން އެންމެ މުހިންމު އެއް ކަމެއްދެނީ ސިއްހީ ހިދުމަތްދިނުން ފުޅާކުރުމާއި، ސިއްހަތު ފެންވަރު ރަނގަޅުކުރުމާއި، ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމޭ. އަދި މާ މުހިންމު ކަމެއްގެ ގޮތުގައި މި ގައުމުގެ އާބާދީއަކީ ދުޅާހެޔޮ އާބާދީއަކަށް ހެދުމުގެ މަސައްކަތް މި އެޑްމިނިސްޓްރޭޝަންގެ ސިއްހީ ސިޔާސަތުގެ މުހިންމު އެއް އެޖެންޑާ" ވަޒީރު ވިދާޅުވިއެވެ.

ބަލިވުމުން އެކަމަކަށް ބޭސްކުރުމާއި ބަލިތަކުން ރައްކާތެރިވެތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ އެކު ގުޅިގެން މަސައްކަތް ކުރެވޭފަދަ ނިޒާމެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ސަރުކާރުން އެކަންކަން ކަށަވަރުކުރުމަށް އަދުގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ހަރުދަނާކުރަންޖެހޭ ދާއިރާތަށް ފާހަގަކޮށް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން އިންފްރާ ސްޓރަކްޗަރ ރަނގަޅު ކުރުމާއި، ޤާނޫނުތައް އިޞްލާޙުކޮށް ހަރުދަނާ ކުރުމުގެ އިތުރުން ދާއިރާއަށްބޭނުންވާ މުވައްޒަފުން އިތުރުކޮށް ނެރުމަށް ކުރެވުނު މުހިއްމު މަސައްކަތް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އަދުގެ ސަރުކާރުން މިވީ މުއްދަތުގެ ތެރޭގައި ރަށްރަށުގެ ސިއްޙީ ޚިދުމަތް ކުރިއެރުވުމަށް 400އަށްވުރެ ގިނަ މުވައްޒަފުން ހޯއްދަވައިދެއްވާފައިވާކަމަށާއި، މާލެ ސަރަަޙައްދަށް 500އަށްވުރެ ގިނަ މުވައްޒަފުން ހޯއްްދަވައިދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް ފުޅާކުރަން ކުރެވުނު މަސައްކަތްތަކަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.