ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގައި ބައިވެރިވާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މަރްޙަބާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތް) އަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސްގައި ހޮވުނު 343 ޒުވާނުން ތަމްރީނަށް މާފިލާފުއްޓަށް ގޮސްފައިވާކަމަށެވެ. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން ވަނީ ތަމްރީނަށް ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް އަދި އެ ޒުވާނުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް މަރްޙަބާ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތް) އަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސް ގައި ހޮވުނު 343 ޒުވާނުން މިއަދު ތަމްރީނަށް ގޮސްފައި. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29… pic.twitter.com/Am8wF6lLxP
— Dr Mohamed Muizzu (@MMuizzu) September 17, 2025
* ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުން
* ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން
* ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުން
* ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން
* ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން
* ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދަވާ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200 އަށްވުރެ ގިނަ ޒުވާނުން ޕްރޮގްރާމަށް ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ބާއްވާފައިވަނީ، މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫގެ އިތުރުން، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.
މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި މެޑިކަލް ޓެސްޓްތަކާއި އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވެއެވެ.