ޚަބަރު

އިންޓަރސުކޫލު ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ހުރާ ސުކޫލާއި ސީއެޗްއެސްއީ ހުޅުމާލެއަށް


އިންޓަރސްކޫލު ވޮލީބޯލް މުބާރާތުގެ 19 އަހަރުން ދަށުގެ ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ސީއެޗްއެސްސީ އަދި އަންހެން ޗެމްޕިއަންކަން ހުރާ ސުކޫލުން ހޯދައިފިއެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއެވެ. ވަޒީރު ވަނީ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

އަންހެން ޑިވިޝަނުގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލްއެވެ. މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރެވެ.

މާލޭ އައުޓްޑޯ ވޮލީކޯޓުގައި ކުރިޔަށްދިޔަ މި މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހުރާ ސުކޫލުން ހޯދީ ސީދާ ތިން ސެޓުން ކެޔޮދޫ ސުކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ ސެޓުތައް ހުރާ ސުކޫލުން ކާމިޔާބުކުރީ 25-12، 25-21 އަދި 25-15 ންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރާ ސުކޫލުގެ އައިޝަތު ދީމާ ނަދީމެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ހުރާ ސުކޫލުގެ އައިޝަތު ދީމާ ނަދީން، މަރިޔަމް ހަމްނާ މުހައްމަދު، ފާތިމަތު ނާޔާ ނައުޝާދު، ކެޔޮދޫ ސުކޫލުގެ ފާތިމަތު ޒައިނާ ރަޝީދު އަދި އައިޝަތު ޔުމްނާ ޝާހިދެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ހުރާ ސުކޫލުގެ ކޯޗު މުހައްމަދު ނަދީމް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހުރާ ސުކޫލުގެ އައިޝަތު ދީމާ ނަދީމެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ސީއެޗްއެސްސީ ހުޅުމާލެ އިން ހޯދާފައިވަނީ މަދަރުސަތުލް އިފްތިތާހް އާއި ވާދަކޮށް ސިދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗުގެ ސެޓުތައް ސީއެޗްއެސްސީ އިން ގެންދިޔައީ 25-14، 25-18 އަދި 25-13 ންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސީއެޗްއެސްސީ ހުޅުމާލޭގެ އަހުމަދު ނާވީ އާދަމްއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ނާވީއެވެ.

މުޅި މުބާރާތުގެ މި އުމުރުފުރާގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ސީއެޗްއެސްސީ ހުޅުމާލޭގެ ނާވީ އާއި، މަދަރުސަތުލް އިފްތިތާހުގެ އިބްރާހިމް އަލްސަން ހާމިދާއި، ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ އިބްރާހިމް އަޔާން އަޒުވަރާއި ސީއެޗްއެސްސީ ހުޅުމާލޭގެ މުހައްމަދު ސައިފް އަހުމަދާއި ކެޔޮދޫ ސުކޫލުގެ މުހައްމަދު ރައިހާން ރަޝީދާއި، މަދަރުސަތުލް އިފްތިތާހުގެ މުހައްމަދު ހަމްދާން އަހުމަދެވެ.

އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ސީއެޗްއެސްސީ ހުޅުމާލޭގެ ކޯޗު ޔޫޝައު ހަސަން އެވެ.