ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުން އިޚްލާސްތެރި ޖީލެއް ބިނާކުރެވޭނެކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ހޮވުނު ޒުވާނުން ވަނީ ތަމްރީނަށް މިހާރު މާފިލާފުއްޓަށް ފުރާފައެވެ.
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދަވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުއެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ ގިނަ އަދަދެއްގެ ޒުވާނުން ޕްރޮގްރާމަށް ކުރިމަތިލާފައިވެއެވެ.
މި ޕްރޮގްރާމަށް ހޮވުނު ޒުވާނުންގެ ތެރެއިން ފުރަތަމަ ބުރުގައި ހޮވުނު ޒުވާނުން ތަމްރީނު ހެދުމަށް ފުރާފައިވާއިރު، މިކަމާއި ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޣައްސާން މައުމޫން ވަނީ މިއީ މުޖްތަމަޢުއަށް ހެޔޮ ބަދަލެއް ގެނުވާނެ ސިޔާސަތެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މިމަސައްކަތަކީ ޤައުމީ ތަރައްޤީއަށް މަސައްކަތް ކުރާނެ އިޙްލާސްތެރި ޖީލެއް އުފެއްދުމުގެ އާ ފެށުމެއް ކަމަށެވެ. އަދި މިއީ މިނިވަންކަމުގެ ފަލަ ރަތް ރޮނގު އިތުރަށް ފަވާލެވޭ ފަވާލެވުމަކަށް ވާނެކަމަށްވެސް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދަވާ މިޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ޙިދުމަތަށް ބޭނުންވާ މީހުން ތަމްރީންކުރުމަށް ސްކޫލް ނިމޭ ދަރިވަރުންގެ ތެރެއިން ވަޒީފާއެއް ނުލިބި ނުވަތަ މަތީ ތައުލީމުގެ ފުރުސަތު ނުލިބޭ ކުދިންގެ އަދަދު ދެހާހުން މަތީގައި އުޅޭއިރު، އެފަދަ ކުދިންނަށް އަމާޒުކޮށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެއްޓެވުމަށް ނިންމަވާފައިވާކަމަށެވެ.
"އެހެންނަމަވެސް އެކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބި، މިލިޓަރީ ތަމްރީން ދެވި، ރަނގަޅު ބަޔަކަށް ހެދި ވަޒީފާ ލިބޭ ބަޔަކަށް ހެދިއްޖެނަމަ އެއީ އެކުދިންނަށްވެސް އާއިލާތަކަށްވެސް ޤައުމަށްވެސް ސިފައިންގެ ހިދުމަތަށްވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށްވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 1 މަސްދުވަހުގެ ތެރޭގައި މިޕްރޮގްރާމްގައި ބައިވެރިވުމަށް 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުން ވަނީ މިމަސައްކަތަށް ހާއްސަ ބަޖެޓެއްވެސް ކަނޑައަޅާފައެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 300 އަށްވުރެ ގިނަ ޒުވާނުން ތަމްރީނަށް ފުރާފައިވާއިރު، ފުރަތަމަ މަރުހަލާއަށް ޒުވާނުން ހޮވުމުގެ މަރުހަލާ 11 ރަށެއްގައި ވަނީ ބާއްވާފައެވެ.