ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ސިޓީގެ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖެ އާއި ސްރީ ލަންކާއެވެ. ރާއްޖެއިން މި މެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ސެޓުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން، ޕެނަލްޓީ ޝޫޓްއައުޓްގައި ރާއްޖެއިން ވަނީ 7-4 ގެ ސްކޯއަކުން ލަންކާ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 28-24 ންނެވެ. ފުރަތަމަ ސެޓުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މިފަހަރު އަލަށް ޤައުމީ ޓީމުން ޖާގަ ހޯދި ޒުވާން ތަރި ރާއުލް އެވެ. ދެވަނަ ސެޓުގައި ލަންކާއިން ކުޅުން ރަނގަޅުކޮށް ގެންދިޔައީ 34-26 ންނެވެ.

މި މުބާރާތުގައި ރާއްޖެއިން ދެން ނިކުންނާނީ ހުކުރު ދުވަހު ހެނދުނު ސައުތު އެފްރިކާއާ ދެކޮޅަށެވެ. އެއަށްފަހު ހަމަ އެރޭ ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭން ކުޅޭނެއެވެ. މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ، ސްރީ ލަންކާ، އިންޑިއާ، ބަންގްލަދޭޝް، ދެކުނު އެފްރިކާ އަދި ޕާކިސްތާނެވެ.