އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު ސިނގިރޭޓް ޑިއުޓީ ކުޑަކޮށް ވޭޕް ބޭން އުވާލާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް އިސްމާޢީލް މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލްކުރުމަށް މުހިންމު އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތްތަކާއި ވޭޕްއިން ނަގާ ޑިއުޓީވެސްވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން 1 ޖެނުއަރީ 2007 އިން ފެށިގެން ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި އެ ތާރީހުގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެ ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްވަމުން ފައްޔާޟް ވަނީ އަދުގެ ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕް މަނާކުރުމަށް އެޅި ފިޔަވަޅުތަކަކީ ރައްޔިތުންނަށް ކުރިމަތިކުރި ތަކުލީފުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެތަކުލީފުތަކުގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީއާއި ވޭޕް ބޭންކުރުން ހިމެނޭކަމަށާއި، އެހުރިހާ ކަމަކީ ރައްޔިތުންގެ މަޝްވަރާއާއި އެއްކޮށް ދެން އުފެދޭ އެމްޑީޕީގެ ބަދަލުކުރާނެ ކަންކަން ކަމަށެވެ.
ފައްޔާޟްގެ ވާހަކަފުޅުގައި އޭގެ އިތުރުންވެސް އަދުގެ ސަރުކާރުން ޤާނޫނުތައްކަށް ގެނެސްފައިވާ އިތުރު ބައެއް ބަދަލުތައް ފާހަގަކޮށް އެއީ ނުރަނގަޅު ބަދަލުތަކެއްކަމުގައި ވިދާޅުވެ، ވަނީ ސަރުކާރުން ނިންމާފައިވާ އެތައް ނިންމުމެއް ކުށްވެރިކުރައްވައި ވާހަކަފުޅުދައްކަވާނެއެވެ.
"މީޑިއާ ކޮންޓްރޯލް ބިލަކީ ހަމަގައިމުވެސް އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހު އުވާލާނެ ޤާނޫނެއް. ހަމައެއާއެކު އަދިވެސް ރައްޔިތުންނަށް ވެފަހުރި ތަކުލީފުތައް. އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް. މިހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާއެކު ބަދަލުކުރާނެ ކަންކަން ކަން އަޅުގަނޑު މިއަދު ފާހަގަކޮއްލަން" ފައްޔާޟް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ޚާއްސަކޮށް ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާއި ރާއްޖޭގައި ވޭޕް މަނާކުރަން ނިންމަވައި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފެށީ އެތަކެތީގެ ސަބަބުން ރައްޔިތުންގެ ސިއްޙަތައް ބޮޑެތި ގެއްލުންތަކެއް ވާކަން ސިއްޚީ ޚިދުމަތްތްތެރިންނާއި އެކި ދިރާސާތަކުން ހާމަވެފައިވާތީ ރައްޔިތުންގެ ސިއްޙީ ކަންކަން ކުރިއެރުވައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެންނެވެ.
އަދި ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ގޮތެއް ނިންމެވީ ރައްޔިތުންގެ ޚިޔާލުވެސް ހޯއްދެވުމަށްފަހުގައެވެ. އެކަމައްޓަކައި ޚިޔާލު ހޯއްދަވަން ކުރެއްވި މަސައްކަތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި އެފަދަ ފުރަތަމަ ޕޯލެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ނުކޮށް ހުރުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ހޯދައިދޭންޖެހޭކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. އަދި ދުންފަތުގެ ބާވަތްތަކުން އިންޕޯޓް ޑިއުޓީ ބޮޑުކުރީ ދަޢުލަތަށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ނޫންކަމަށާއި އެކަމުން ލިބޭ އާމްދަނީ ބޭނުންކުރާނީ ދުންފަތުގެ ވަބާއިން ރައްކާތެރިވުމާއި ހޭލުންތެރިކަމުގެ މަސައްކަތްތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.