ހަތް އަހަރު ފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަނަށް އައިސް ކުޅުނު މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅިވީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 6-0 ގެ ނަތީޖާއަކުންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ނިއު ރޭޑިއަންޓުން ވަނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ނިއުއަށް އެންމެ ފުރަތަމަ ލީޑު ނަގަން ފުރުސަތު ލިބުނީ އަލީ ފާސިރުއަށް ލިބުނު ފުރުސަތަކުންނެވެ. މެޗުގެ 16 ވަނަ މިނިޓުގައި ހަސަން ރާއިފު އަހުމަދު ގައިގައި ޖެހިފަ ދިޔަ ބޯޅަ ފާސިރު ފޮނުވާލުމުން ޓީސީ މިސްރު ކީޕަރު އަބްދުލް ހަމީދު ވަނީ ދިފާއުކޮއްފައެވެ.
ނިއު ރޭޑިއަންޓުން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 23 ވަނަ މިނިޓްގައި ނިއުގެ މުހައްމަދު ޝަހާއު ދިން ބޯޅައަކުން މުހައްމަދު އިރުފާން އޭރިޔާ ބޭރުގައި ހުރެފަ ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް ވައްދައިލައިގެންނެވެ.
މި ލަނޑަށް ފަހު ނިއުގ ހަމަލާތައް އިތުރުވިއިރު ޓީސީ މުޅި ހާފުގަވެސް ފެނިގެންދިޔައީ ދިފާއީ ކުޅުމެއް ދެއްކިތަނެވެ. މެޗުގައި ނިއު ރޭޑިއަންޓުން ޖެހި ދެވަނަ ލަނޑު އޭރިޔާ ބޭރުން ހިލޭ ޖެހުމަކުން ފާސިރު ކާމިޔާބުކޮއްދިނީ ފުރަތަމަ ހާފުގެ 39 މިނިޓުގައެވެ.
ނިއު ރޭޑިއަންޓުގެ ތިންވަނަ ލަނޑަކީ އަލީ ފާސިރު ހުސްކޮށް އޭރިޔާ ތެރެއިން ވަދެ ކީޕަރު ކައިރިން ނައްޓަން އުޅުމުގެ ތެރޭގައި ކުރި ފައުލްއަކުން ލިބު ޕެނެލްޓީން ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ 43 ވަނަ މިނިޓުގައި މި ލަނޑު ނިއު ރޭޑިއަންޓަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރ ގޯމޭޒް ޑި ސިލްވާއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ދެވަނަ ހާފު ނިއު ރޭޑިއަންޓުން ފެށީ ލަނޑަކާ އެކުއެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ޑިސިލްވާ އޭރިޔާ ތެރެއަށް ފޮނުވާލުމުން ޓީސީ ކީޕަރު އަތުން ބޯޅަ ދޫވުމުން ކައިރީގަ ހުރި ފާސީރު ވަނީ ބޯޅަ ގޯލަށް ވައްދާލާފައވެ. މެޗުގައި ދެވަނަ ހާފުގައި ދެޓީމުން ވެސް ވަރުބަލިކަން ފާހަގަކުރެވުނު އިރު ޓީސީ ވަނީ މި ހާފުގައި ކުޅެން މަސައްކަތް ކޮއްފައެވެ.
މެޗުގައި ނިއުގެ ފަސް ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ހަސަން އަޒޫމް އަލީ އެވެ. އޭރިޔާތެރެއިން އަޒޫމްއަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ ހާސްކަމެއް ނެތިއެވެ. ނިއު ރޭޑިއަންޓުގެ ފަހު ލަނޑު ފެނިގެންދިޔައި މެޗުގެ 86 މިނިޓުގައެވެ. އަހުމަދު ވިޖުދާން ނަގައިދިން ބޯޅައެއް ރާއިފް ގޯލުތެރެއަށް ފޮނުވާލީ އޭރިޔާ ތެރޭގައި ހުރެފައެވެ.
ލީގުގައި ނިއު ރޭޑިއަންޓް ބުރާސްފަތި ދުވަހު ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ޓީސީ އަންގަރާދުވަހުގެ ރޭ ނުކުންނާނީ މާޒިޔާ ދެކޮޅަށެވެ.