އަންނަމަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފެލިދެއަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ އެއަތޮޅުގައި ފުރަތަމަ ފަހަރަށް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށާފައެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާންއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ވަޢުދުވެވަޑައިގެންނެވި ތާރީޚަށް ވުރެ 2 މަސް ކުރިއަށް ނިމޭނެކަން ހާމަކުރައްވާފައެވެ.
"އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ މިއަންނަމަސް ނިމެންވާއިރަށް، އަޅުގަނޑު ވަޢުދުވީ މިއަހަރު ނިމެންވާއިރަށޭ. މިއަންނަ މަސް ނިމެންވާއިރަށް [ޕާސްޕޯޓުގެ] މި ދެންނެވި ވަޢުދުވެސް ކޮންމެ އަތޮޅެއްގަ މަދުވެގެން އެ ރަށުގެ ޚިދުމަތް. ބައެއް އަތޮޅުތަކުގައި 2 ރަށުގައި 3 ރަށުގައިވެސް އެބަ ޤާއިމްކުރެވޭ ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އަދި މި ޚިދުމަތް މިހާރުވެސް ގިނަ އަތޮޅުތަކެއްގައި ވަނީ ފަށާފައެވެ.
އަތޮޅުތެރޭގެ ރަށްތަކުން ޕާސްޕޯޓް ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމާއިއެކު އެއަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ޕާސްޕޯޓް ހެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ޕާސްޕޯޓް ހެއްދުމަށް މާލެ އަންނަންޖެހޭ ޖެހުމަށް ހުއްޓުމެއް ލިބިގެންދާނެކަމެއްގެ ގޮތުގައި ސަރުކާރުން ވިދާޅުވެއެވެ.
ވ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު އެ އަތޮޅު ހިމެނޭހެން 14 އަތޮޅެއްގައި މި ޚިދުމަތް ދޭންވަނީ ފަށާފައެވެ. ޕާސްޕޯޓްގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި އައިޑީކާޑު ހެއްދުމުގެ އިންތިޒާމްވެސް ސަރުކާރުން ދަނީ ހަމަޖައްސަވައި ދެއްވަމުންނެވެ.
މި ޖަލްސާގައި ފެލިދޫގައި އައިޑީ ކާޑުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މި ޚިދުމަތް ފަށްޓަވައި ދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.