އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމާއެކު ކުޅުނު ފުރަތަމަ މެޗު 10-1 ގެ ނަތީޖާއަކުން އަފްޣާނިސްތާނުން ކާމިޔާބުކޮށްފިއެވެ.
ރާއްޖޭން މި މެޗުގައި ކާމިޔާބުކުރި ލަނޑަކީ ދެވަނަ ހާފްގައި މުހައްމަދު އިމްރާން (އިންމި) ދިން ބޯޅައަކުން އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުގައި އަފްޣާނިސްތާނަށް ލަނޑުތައް ޖަހައިދީނީ އަކްބަރު ކަޒޭމީ، މުހައްމަދު މުރާދީ، ސައީދު ހުސެއިން މުސާވީ، ފަރްޒާދު މުހައްމަދީ، ހާމިދު ރަޒާ ހުސެއިނީ، އަލީ އަމީރީ، ރަޒާ ހުސެއިންޕޫރް އަދި އައްބާސް ހައިދާއެވެ.
މެޗަށްފަހު ރާއްޖޭގެ ކުުޅުންތެރިން ބުނީ ކޮލިފައިންގެ ފުރަތަމަ މެޗަށް ނިކުންއިރުވެސް މިއީ އުނދަގޫ މެޗަކަށްވާނެކަން އިނގޭ ކަމަށާއި، ރާއްޖޭގެ ޓީމަށް އިންޑޯގައި އެއްވެސް ވަރަކަށް ފަރިތަކުރުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.
އަފްޣާނިސްތާނާއި ދެކޮޅަށް ނިކުން މެޗުގެ ފުރަތަމަ ހާފުގައި ވަރަށް އުނދަގޫވިކަމަށާއި، އެހެންނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރެވުނު ކަމަށެވެ.
ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފްގައި ޓީމެއްގެ ގޮތުގައި ކޯޑިނޭޓް ކޮށްގެން ކުޅެވުނު ކަމަށާއި، ދެވަނަ ހާފުގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ރާއްޖޭގެ ކުޅުންތެރިން ބުންޏެވެ.
އަފްޣާނިސްތާނާއި މިޔަންމާއަކީވެސް ވަރުގަދަ ދެޓީމުކަން އިނގޭ ކަމަށާއި، ރާއްޖެއަށް އަފްޣާނިސްތާނު މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއްވެސް ވަރަކަށް އިންޑޯގައި ފަރިތަ ނުކުރެވުން ކަމަށް ގައުމީ ފުޓްސަލް ޓީމުން ބުންޏެވެ.
އެހެންނަމަވެސް މި މެޗުގެ ތަޖްރިބާއިން ދެން ކުޅޭ މެޗެއްގައި މިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ރާއްޖޭގެ ކުޅުންތެރިން ބުންޏެވެ.
ދެން ރާއްޖެ ނިކުންނާނީ 22 ސެޕްޓެމްބަރުވާ ހޯމަ ދުވަހު މިޔަންމާއާއި ދެކޮޅަށެވެ.
އަންނަ އަހަރު އިންޑޮނޭޝިއާގައި ބާއްވާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި އަފްޣާނިސްތާނުން ދެން ނިކުންނާނީ މިޔަންމާއާއި ދެކޮޅަށެވެ.