މުޖްތަމަޢެއްގެ ތެރޭގައި އެކި ޚިޔާލުތަކާއި ފިކުރުގެ މީހުން އުޅޭނެއެވެ. ނަމަވެސް މިއެންމެންނާއެކު ސުލްހަ މަސަލަސްކަން އިސްކޮށްގެން އުޅުމަކީ މުޖްތަމަޢުގެ ކޮންމެ ފަރުދަކުވެސް އިސްކަން ދޭން ޖެހޭ ކަމެކެވެ. އަދި މިއީ ޤައުމުތަކުންވެސް އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭ ކަމެވެ.
"ސުލްޙަ" މިބަހުގެ މާނަ އެކި ގޮތްގޮތަށް އެކި މީހުން ބޭނުން ކުރެއެވެ. ބައެއް ފަރާތްތަކަށް މިއީ އަމާންކަމެވެ. އަނެއް ބަޔަކަށް މިއީ ދެކޮޅުވެރިކަމެއް ނެތުމެވެ. މީގެ އިތުރުން ގިނަ ފަރާތްތަކުން ހަމަނުޖެހުމަކަށް ފަހު ދެފަރާތުގެ އުފެދޭ ރަނގަޅު ގުޅުމަށްވެސް މި ބަހުގެ މާނަ ބޭނުން ކުރެއެވެ. ކޮންމެ ގޮތަކަށް ބޭނުން ކުރިނަމަވެސް ކޮންމެ އަހަރަކު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ސުލްހައިގެ ދުވަސް ފާހަގަކުރަނީ މި މަޤްޞަދު ހާސިލްކުރުމަށެވެ.
ދިވެހިރާއްޖެއަށް ބަލާނަމަ، އަމާން ޤައުމެއް ކަމަށް ބުނެވޭނެއެވެ. ނަމަވެސް ސިޔާސީ ޚިޔާލުތަފާތުވުންތައް އޮތުމާއެކު ދެކޮޅުވެރިކަމެއް ނެތޭ ނުބުނެވެއެވެ. ސިޔާސީ އެކަންޏެއްވެސް ނޫނެވެ. އިޖްތިމާޢީ ގޮތުން ހުންނަ މައްސަލަތަކުގައިވެސް ދެކޮޅުވެރިކަން އުފެދި ކަންކަމުގައި ބައެއް ފަހަރު، ސުލްހަވެރިކަން ދޫކޮށްލެވޭތަން އާދެއެވެ. އެހެންނަމަވެސް މިވަރުގެ ކުޑަ މުޖްތަމަޢެއްގައި މިފަދަ ކަންކަމަށް ޖާގަ ދޭން ވެއްޖެނަމަ އުފެދޭ މައްސަލަތައް ގިނަވެ ޒަމާނުންސުރެ އަޅުގަނޑުމެން ފަޚުރުވެރިވާ އިޖްތިމާޢީ ފޭރާން މިހާރު ވީދިފައިވާ މިންވަރަށްވުރެ ބޮޑަށް ވީދުމުގެ ފުރުސަތު އެބައޮތެވެ.
މިއަހަރުގެ ސުލްހައިގެ ދުވަހުގެ ޝިއާރު " އެކްޓް ނޮވް ފޯ އަ ޕީސްފުލް ވޯލްޑް " މިޝިޢާރުންވެސް ބާރުއަޅަނީ، އެފަދަ ކަންކަމަށް ޖާގަ ނުދިނުމަށާއި، ސުލްހަވެރިކަމަށް މިވަގުތުން ފެށިގެން މަސައްކަތް ކުރުމަށެވެ. ޢިޖްތިމާޢީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުން ފެށިގެން، ދުނިޔޭގެ ދޭދޭ ޤައުމުތަކުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް ކަމާއި ހަމަނުޖެހުންތަކާއި ދެކޮޅަށް މަސައްކަތް ފެށުމަށް މިއަހަރު ޝިޢާރު ގޮވާލައެވެ.
މިފަދަ ދުވަހެއްގައި އަޅުގަނޑުމެން އެންމެންވެސް ހަނދާން ކުރަން ޖެހޭ އެއް ބަޔަކީ މިވަގުތު ސުލްހަވެރި އަބުރުވެރި ދިރިއުޅުމަކަށް އެންމެ އެދިއެދި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ މަތިންނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް މިފުރުސަތު ހޯދައި ދިނުމަށާއި ސުލްހަވެރިކަމަށް ދިވެހިރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި މެދުކެނޑުމެއް ނެތި ވަކާލާތު ކުރަމުންނެވެ. ޔަހޫދީ ދައުލަތުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލްޢާމް ހުއްޓުވައި، ސުލްހަވެރިކަމަށް ފުރުސަތު ދިނުމަކީ މިފަދަ ދުވަހެއް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާއިރު އިސްކަން ދޭން ޖެހޭ ކަމެކެވެ. ރާއްޖެއިން ގޮވަމުންދަނީ ސުލްހަ ޤާއިމް ކުރުމަށްޓަކައި ޔަހޫދީ ދައުލަތް އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރުމަށެވެ.
ދާދިފަހުން ޤަތަރަށް ދެވުނު ހަމަލާއާއި ގުޅިގެން އަރަބި އިސްލާމީ ޤައުމުތަކުން ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމުންވެސް، ރާއްޖެއިން ސުލްހަ ޤާއިމްކުރުމަށް ދޭ އިސްކަން ހާމަވެގެން ދިޔައެވެ. އެމަނިކުފާނު ވަނީ މުސްލިމު އުއްމަތް އެކުގައި މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ ކަންހިންގާ ގޮތަށް ބަލާއިރު، މިއަދު ސުލްހަވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދުނިޔޭގެ ބޮޑެތި ބާރުތައްކަމީ ފެންނަން އޮތް ހަޤީޤަތެވެ. ސުލްހަވެރިކަމުގެ ދުވަހެއް މިއަދު ފާހަގަކުރާއިރު، ބޮޑެތި ބާރުތަކުން ސުލްހައަށް މަސައްކަތް ކުރުމަށް ގޮވާލުމަކީ އަދުގެ ޝިޢާރާއި އެއްގޮތަށް ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ.