ޚަބަރު

އެންސްޕާއިން މިދިޔަ މަހު އެހީގެގޮތުގައި 57 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14492 ވަނީ އެހީ ފޯރުކޮށްދީފައި

  • މިދިޔަ މަހު އަލަށް މިދަފްތަރުގައި 125 މީހަކުވަނީ ރަޖިސްޓްރީކޮށްފައި

ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 57 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރައްޔިތުންގެ ތެރެއިން ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް ރައްކާތެރި، ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް އެކި ގޮތްގޮތުން ސަރުކާރުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާ މެދުވެރިކޮށް، އެހީތެރިކަން ބޭނުންވާ ޢާއިލާތަކަށް މާލީ އަދި އެނޫންވެސް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިއެގޮތުން މިދިޔަ އޯގަސްޓް މަހު އެހީތެރިކަން ބޭނުންވާ ޢާއިލާތަކާއި ކުޑަކުދިންނަށް އެންސްޕާއިންވަނީ 57،773،000 (ފަންސާސް ހަތް މިލިޔަން ހަތްލައްކަ ހަތްދިހަ ތިންހާސް) އަށްވުރެ ގިނަ ރުފިޔާ އެހީގެގޮތުގައި ޚަރަދުކޮށްފައެވެ.

އެންސްޕާއިންވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ، 14492 މީހަކަށް މާލީ އެހީގެ ގޮތުގައި ފަންސާސް ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހަތަރުހާސް ރުފިޔާ ހޭދަކޮށްފައެވެ. މިދިޔަ މަހު އަލަށް މިދަފްތަރުގައި 125 މީހަކުވަނީ ރަޖިސްޓްރީކޮށްފައެވެ. މިވަގުތު ޖުމްލަ 14673 މީހަކުވަނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައެވެ.

ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު އެންސްޕާއިންވަނީ 25،720 ރުފިޔާ ހޭދަކޮށްފައެވެ. އަލަށް 4 މީހަކަށް މިއެހީ ފޯރުކޮށްދީފައިވާއިރު، ޖުމްލަ 700 މީހަކަށް ކާބޯތަކެތި ގަތުމަށްވަނީ އެހީފޯރުކޮށްދީފައެވެ.

ފަޤީރު ހާލަތުގައި ދިރިއުޅޭ އަދި މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ބެލެނިވެރި ފަރާތްތަކަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ ރުފިޔާވަނީ ފޯރުކޮށްދީފައެވެ. 97 ބެލެނިވެރިއަކަށް މި އެހީ ފޯރުކޮށްދީފައިވާއިރު މާލީގޮތުން މިއެހީތެރިކަން 130 ކުޑަކުއްޖަކަށްދަނީ ފޯރުކޮށްދެމުންނެވެ.

އަދި ފަޤީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ޕްރޮގްރާމްގައި ހިމެނިފައިވާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ހަތަރު މިލިއަން ނުވަލައްކަ ފަސްހާސް ރުފިޔާވަނީ ފޯރުކޮށްދީފައެވެ. މީގެތެރޭގައި މާލީ އެހީ ލިބޭ މައިން ނުވަތަ ބަފައިންގެ ތެރޭގައި 2870 މީހުން ހިމެނޭއިރު 4901 ކުޑަކުއްޖަކަށް މިއެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ. މިދިޔަ މަހު އަލަށް މިފަދަ 30 މައިން ނުވަތަ ބަފައިން ރަޖިސްޓްރީކޮށްފައިވާއިރު 69 ކުޑަކުއްޖަކުވަނީ ރަޖިސްޓްރީކޮށްފައެވެ.
ނާޒުކު ޙާލަތުގައި ތިބި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް އެކި ފަރާތްތަކާ ގުޅިގެންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.