ޚަބަރު

"ދަރަނބޫދޫ އެފްއާރްސީއާއި ވޮލީ ކޯޓާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިއަހަރުތެރޭގައި ކުރިޔަށްދާނެ"


ރައީސުލްޖުމްހޫރިއްޔާ ފ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ފ. ދަރަނބޫދޫގައި ހެދިގެންދާއިރުގައި، އެ މަޝްރޫޢާ އެކީގައި، އައުޓްޑޯ ވޮލީ ކޯޓެއްވެސް އެރަށުގައި އެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދަރަނބޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރީގެ ޔޫތް ސެންޓަރ، އެއީ މިހާރުގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ކަމަށާއި، އެ މަސައްކަތާއި ވޮލީ ކޯޓުގެ މަސައްކަތް އެކުގައި ކުރިއަށްދާނެކަމަށެވެ.

އަދި ދަރަނބޫދޫގައި ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި މި ތިން މަޝްރޫއުގެ މަސައްކަތް މި އަހަރު ތެރޭގައި ޢަމަލީގޮތުން އެކުއެކީގައި ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުޓްބޯޅަ ދަނޑު ހެދިގެންދާއިރުގައި، ފުޓްބޯޅަ ދަނޑު އަޅުގަނޑުމެން މި ހަދަނީ، ހުރިހާ ދަނޑެއްވެސް މިހާރު ހަދަނީ، ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓްޖަހާ، ހަމަ ވަރަށް ފުރިހަމަކޮށް. މި ރަށުގައި އެތުލީޓުން ގިނަވީމާ، އަދި ވަރަށް ރަނގަޅު ފެންވަރެއްގައި ވާދަކުރާ ކުދިން ތިބީމައާއެކީގައި، ރައްޔިތުން އެދޭ، ވަރަށް މުހިންމު ކަމަކަށްވާތީ، ދުވާ ޓްރެކްވެސް ހިމެނޭގޮތަށް ފުޓްބޯޅަ ދަނޑު ހެދިގެންދާނީ" ރައީސް ވިދާޅުވިއެވެ.

ދަރަނބޫދޫއަކީ އެތުލީޓުން ގިނަ ރަށެއްކަން ފާހަގަ ކުރައްވާ އެރަށުގައި ދުވާ ޓްރެކެއްވެސް ގާއިމުކޮށްދެއްވާނެ ކަމުގެ އުފާވެރި ހަބަރު ރައީސް ވަނީ އެރަށުގެ ކުރިވަރަށް ލޯބިކުރާ ރައްޔިތުންނަށް ދެއްވާފައެވެ.

"އެހެންވީމާ، ތިން މަޝްރޫޢު އެކުއެކީގައި، މި އަހަރު ޢަމަލީގޮތުން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަރުވަން. އެހެންވީމާ، އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވަޢުދެއް، އެ ތިން ދާއިރާއިން އެ ފުދިގެން އެދަނީ"

ރައީސް ވިދާޅުވީ މީގެ އިތުރަށްވެސް އެރަށަށް މުހިންމު ބައެއް ކަންތައްތައް އެބަހުރި ކަމަށާއި، އެ ރަށަކީ ބެޑްމިންޓަން ކުޅުމުގެ ވަރަށް ޝައުގުވެރިކަން ހުންނަ ބަޔަކު ދިރިއުޅޭ ރަށަކަށްވާއިރުގައި، މިހާރު ހުރި ބެޑްމިންޓަން ކޯޓުގެ ޖާގަ އިތުރުކޮށްދެއްވާ މިހާރަށްވުރެ ބެޓްމިންޓަން ކޯޓުގެ ފެންވަރު ރަނގަޅުކޮށް ކޯޓެއް އިތުރުކުރުންވެސް ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ ވަކި މަޝްރޫއެއްގެ ގޮތަށް އިއުލާނު ނުކުރި ނަމަވެސް، ބެޑްމިންޓަން ކުޅުމަށްޓަކައި ބޭނުންވާ ކަންކަމުގައިވެސް ދަރަނބޫދޫއަށް އެހީތެރިކަންދެއްވާނެ ކަމަށެވެ.