އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި އުންމީދުކުރި ވަރުގެ ކުޅުމެއް ނުދެއްކުނު ކަމަށާއި، އެހެންނަމަވެސް މިޔަންމާ އާއި ދެކޮޅަށް ނިކުތް މެޗުން ހޯދުނު ނަތީޖާއާއި މެދު ހިތްހަމަޖެހޭ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ބުނެފިއެވެ.
މެޗަށްފަހު ދިން އިންޓަވިއުއެއްގައި އިޝާން ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް އިންޑޯގައި ފުޓްސަލް ކުޅޭނެ ވަސީލަތްތަކެއް ރާއްޖޭގައި ނެތްކަމަށާއި، ކޮލިފައިންއަށް އައީ އެއްވެސް ވަރަކަށް އިންޑޯގައި ފަރިތަކުރުމުގެ ފުރުސަތު ނުލިބިކަމަށެވެ. ކޮލިފައިންގައި ރާއްޖެއަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އިންޑޯގައި ފަރިތަ ނުކުރެވުންކަމަށްވެސް އޭނާ ބުންޏެވެ.
މިޔަންމާއާއި ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗަކަށްވާނެ ކަމަށް ހީކުރެވުނު ކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ޓީމުން ވީ ތައްޔާރީތަކާއި ބަލާފައި އެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށް އިޝާން ބުންޏެވެ.
އިޝާން ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި ހިއްވަރަށް ޝުކުރު އަދާކުރާ ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް މިޔަންމާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.
ރާއްޖޭގެ ފުޓްސަލް ޓީމަށް އޭއެފްސީ ފުޓްސަލް އޭޝިއަންކަޕް ކޮލިފައިންގެ ދެމެޗުން މޮޅުވެވިފައި ނުވިނަމަވެސް މިޔަންމާ ކޮޅަށް ވަނީ 3 ގޯލް ޖަހާފައެވެ. އިއްޔެ މިޔަންމާއާއި ދެކޮޅަށް ކުޅުނު މެޗު މިޔަންމާއިން ކާމިޔާބުކުރީ 7-3 ގެ ނަތީޖާއަކުންނެވެ.
ކޮލިފައިންގައި އެންމެ ފުރަތަމަ ރާއްޖެ ނިކުތީ ދުނިޔޭގެ ރޭންކިންގެ 33 ވަނަގައި އޮތް އަފްޣާނިސްތާނާއި ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 1-10 ގެ ބޮޑު ތަފާތަކުންނެވެ. އެ މެޗުގެ ތަޖްރިބާއަށްފަހު ދެވަނަ މެޗުގައި ކުޅުންތެރިން ވަނީ ވަރަށް ބޮޑުތަނުން ކުޅުން ރަނގަޅުކޮށް ޓީމުގެ ކޯޑިނޭޝަންވެސް ރަނގަޅު ކޮށްފައެވެ.