ކުޅިވަރު

އަހަރެން ބޭނުންވީ ޕީއެސްޖީގައި ހުންނަން: ޑޮންނަރޫމާ


ހުސްވި ސީޒަނަށް ފަހު އޭނާ ބޭނުންވީ ޕީއެސްޖީގައި ކުޅެން ކަމަށް އިޓަލީގެ ގައުމީ ކީޕަރު ޖިއާން ލުއިޖީ ޑޮންނަރޫމާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ފްރާންސްގެ ޕެރިހުގައި އިއްޔެ ރޭ ބޭއްވި ބަލޮންޑޯ އެވޯޑް ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑް ހާސިލް ކުރުމަށް ފަހު އެވެ.

"އަހަރެން ވަރަށް ގިނަ ދުވަހު އެތަނުގައި ކުޅުނިން. އަހަރެންގެ ވަރަށް ގިނަ ރަހުމަތްތެރިން އެތަނުގައި ތިބި. މޮޅު ކުލަބެއް އެއީ. މިހެންވެ އަހަރެން ބޭނުންވީ މަޑުކުރަން. މި ގޮތަށް ކަންކަންވެފައި ހުންނައިރު ކުލަބު ބަދަލު ކުރުމަކީ ފަސޭހަ ކަމެއް ނޫން،" ޑޮންނަރޫމާ ބުންޏެވެ.

ނަމަވެސް ކޯޗު ލުއިސް އެންރީކޭ ވަނީ 30 މިލިއަން ޕައުންޑަށް އޭނާ ވިއްކާލައިފަ އެވެ. ކުއްލި މި ނިންމުމާއެކު ޑޮންނަރޫމާ އާއި އޭނާގެ އެޖެންޓް ވެސް ޕީއެސްޖީ ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ.

"ކޮންމެ ބަދަލަކީ އުނދަގޫ ކަމެއް. ޕީއެސްޖީގެ ސަޕޯޓަރުން ވަރަށް ރަނގަޅު. ވަރަށް މޮޅު ކުޅުންތެރިން ތިބި. ރަނގަޅު ސްޓާފުން ކުލަބުގައި ތިބި. ސްޕޯޓިން ޑިރެކްޓަރުންނާއި ކޮޗާއި ރައީސް ވެސް ވަރަށް ރަނގަޅު. މިހެންވެ އަހަރެން އެ ކުލަބުގައި މަޑު ކުރަން ބޭނުންވީ،" ޑޮންނަރޫމާ ބުންޏެވެ.

އޭނާ ގަތީ އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ އިންނެވެ. އަދި ބުނީ މިހާރު ސިޓީ އަށް ހޭނިއްޖެ ކަމަށެވެ.

"އެކަމަކު ހަގީގަތަކީ އަހަރެންނަށް ދެން ފެނުނީ އާދަޔާ ހިލާފު ރަނގަޅު ކުލަބެއް. މޮޅު އެތައް ކުޅުންތެރިންނެއް ތިބި ކުލަބެއް އެއީ. އެ މީހުން އަހަރެންނަށް މަރުހަބާ ކިޔާފައިވަނީ އާއިލާއެއް ފަދައިން. މިއީ އަހަރެންނަށް އެންމެ މުހިންމު ކަންތައް،" ޑޮންނަރޫމާ ބުންޏެވެ.

އޭނާ ބުނީ ކޮންމެ ބަދަލަކާއެކު އުނދަގޫ ކަންކަން ކުރިމަތިވާނެ ކަމަށާއި ނަމަވެސް ޕީއެސްޖީގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ޑޮންނަރޫމާ ވަނީ ހުސްވި ސީޒަނުގައި ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް އެ ކުލަބުގަ ތާރީހުގައި ކާމިޔާބު ކޮށްދީފަ އެވެ. އަދި ފީފާ ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ވެސް ގެންގޮސްދިނެވެ.

އޭނާ އަށް ދުނިޔޭގެ އެންމެ މޮޅު ކީޕަރުގެ އެވޯޑް ލިބުނު ވަގުތު ޕީއެސްޖީ ވަނީ ރޭ ފްރާންސް ލީގުގައި ކުޅުނު މެޗުން ބަލިވެފަ އެވެ. އެއީ އޭނާ ވިއްކާލުމަށްފަހު ގަތް ފްރާންސް ކީޕަރަށް ހެދުނު މިސްޓޭޓަކުންނެވެ.