ޚަބަރު

ފަހަތުން އަރާ ލިންކޮން އަތުން ޗެލްސީ މޮޅުވެއްޖެ


އިނގިރޭސި ލީގު ކަޕްގައި ރޭ ލިންކޮން ސިޓީ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ލީގު ވަންގެ ކްލަބެއް ކަމުގައިވާ ލިންކޮން އާއި ދެކޮޅަށް ރަށުން ބޭރުގައި ޗެލްސީ ކުޅުނު މި މެޗުގައި ކޯޗު އެންޒޯ މަރެސްކާ ވަނީ މުހިންމު ކުޅުންތެރިންގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދީފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ލިންކޮން އިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ލިންކޮންގެ ރޮބް ސްޓްރީޓް އެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޗެލްސީގެ ޒުވާން ފޯވަޑް ޓައިރިގް ޖޯޖް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ޖޯޖްގެ އިތުރު އެސިސްޓަކުން ފަކުންޑޯ ބޮނަނޮޓް ވަނީ އިތުރު ލަނޑެއް ޖަހާ ޗެލްސީ މޮޅުކޮށްދީފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް އެސްޓެވާއޯ ވިލިއަން އާއި ޖޯޖް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތްވަނީ ނުވެފަ އެވެ.