ރިޕޯޓް

ގަން އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ސެޕްޓެމްބަރު މަހަށް ނިންމަނީ


އައްޑޫ ސިޓީގެ ތަރައްޤީއަށް މިވަގުތު ކުރާ އެންމެ މުހިއްމު އެއް މަސައްކަތަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރު މިނުގައި ކުރަމުންދާ މަސައްކަތަކީ އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށް، މަރާމާތުކުރުމުގެ މަސައްކަތެވެ. ގަމު އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދަނީ 2200 މީޓަރު ދިގު ރަންވޭއެކެވެ. އެހެންނަމަވެސް މި ޕްރޮޖެކްޓުގެ ދަށުން މިހާރު ބޭނުންކުރަމުންދާ ރަންވޭއަށް 960 މީޓަޒު ވަނީ އިތުރުކޮށްފައެވެ.

މި މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޕީ.އެސް.އެމް ނިއުސްއާ ޙިއްޞާކުރައްވަމުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙްމަދު ސަޢީދު ވިދާޅުވީ، ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. އަދި ރަންވޭގެ މަސައްކަތް ނިމުމުން ބޮއިންގް 777 މަރުކާގެ ކޯޑް އީ ގެ އެއަރކްރާފްޓްތަކަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދެވޭނެކަމަށާއި، އަމާޒަކީ މިއަހަރުގެ ތެރޭގައި ރަންވޭ ރަސްމީގޮތުން ހުޅުވުންކަމަށެވެ.

"ރަންވޭގެ މަސައްކަތް ނިމޭއިރު، ފުޅާމިނުގައި އިންނާނެ ގާތްގަނޑަކަށް 59 މީޓަރު. އަދި ދިގުމިނުގައި 3400 މީޓަރު. މިތަނުން ކޭޓަރ ކުރާނެ ބޮއިންގް 777 ކޯޑް އީގެ އެއަރކްރާފްޓްސްއަށް. ޕްރޮޖެކްޓް މިހާރު ނިމުމަކަށް އަންނާނެކަމަށް ލިބިފައިވާ އެންމެ ފަހުގެ ތާރީޚަކީ 9 ސެޕްޓެމްބަރ. އެއީ ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތް. ގަސްތު މިކުރަނީ އެއަރޕޯޓް އޮފިޝަލީ އޯޕަން ކުރަން ސީޕްލޭން ބޭސް އެސްޓެބްލިޝްމަންޓާއެކު" އިބްތިޝާމާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14714248604866.jpg|އިބްތިޝާމާ އަޙްމަދު ސަޢީދު، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ / ފޮޓޯ: ޕީއެސްއެމް

ރަންވޭގެ އިތުރަށް، ގަމުގައި ހޮޓެލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށްވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓް އަންނަނީ ތައްޔާރުވަމުންނެވެ އެކަމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ. ގަން އެއަރޕޯޓުގައި މިހާރު ބޭނުންކުރާ ޓަރމިނަލުން އެއްފަހަރާ 100 ފަސެންޖަރުންނަށް ޚިދުމަތްދެވޭއިރު، ޓަރމިނަލް ފުޅާކުރާނީ ޑިމާންޑް އޮތް މިންވަރަކަށް ބެލުމަށްފަހު ކަމަށްވެސް އެކުންފުނިން ބުނެއެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް 7 ޑޮމެސްޓިކް ފްލައިޓް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރެއެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓް އަމާޒަކީ އެއަރޕޯޓް ތަރައްޤީވެގެންދާއިރު، ޑޮމެސްޓިކް ފްލައިޓްތަކުގެ އިތުރުން ދުވާލެއްގެ މައްޗަށް އިންޓަރނޭޝަނަލް 4 ފްލައިޓް ދަތުރުކުރާ އެއަރޕޯޓަކަށް އެތަންވެގެން ދިއުމެވެ. ހަމައެހެންމެ އައްޑޫ ސިޓީއަކީ ވިޔަފަރީގެ ރޮނގުންވެސް ކުރިއަރަމުން އަންނަ ސަރަޙައްދަކަށްވެފައި، ކާގޯ ފްލައިޓްތަކުގެ އޮޕަރޭޓްކުރަން ފެށުމަކީވެސް އަމާޒެއްކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.

"މިހާރު ޑޮމެސްޓިކް ފްލައިޓް އެބަ އޮޕަރޭޓްކުރޭ ގާތްގަނޑަކަށް 7 ފްލައިޓް ދުވާލެއްގެ މައްޗަށް. އޭގެ އިތުރުން އަޅުގަނޑުމެން މިލަފާކުރަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 4 އިންޓަރނޭޝަނަލް ފްލައިޓްސް އޮޕަރޭޓްކުރެވޭތޯ. މީގެ އިތުރުން ކާގޯ ފްލައިޓެއް ހަފްތާއަކު. އެއީ ކައިރީގައި ހުންނަ ރިސޯޓްތަކަށްވެސް ކާގޯ އެބަ ބޭނުންވޭ. އަދި އައްޑުއަކީ ވިޔަފާރީގެ ރޮނގުން ވަރަށް ކުރިއަރަމުންދާ ރީޖަންއެއް. އެހެންވީމަ ކާގޯ ފްލައިޓްސްއަށްވެސް ކޭޓަރ ކުރެވޭގޮތަށް ތަރައްޤީކުރެވިގެންދާނީ" އިބްތިޝާމާ ވިދާޅުވިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފުރަތަމަ ފިޔަވަހީގެ ދަށުން ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ގާތްގަނޑަކަށް 14 މިލިއަން ޑޮލަރު ޙަރަދުވެފައިވާ ކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. އަދި 2 ވަނަ ފިޔަވަހީގެ ދަށުން ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތަށް 23 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށާއި، ތަނަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމުގެ ޚަރަދާއެކު މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށްވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.