ޚަބަރު

ޤައުމީ އިނާމަށް 77 ފޯމް އަދި ޚާއްސަ އިނާމަށް 58 ފޯމް ހުށަހަޅައިފި


މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، ޤައުމީ އިނާމަށް 77 ފޯމު އަދި ޚާއްޞަ އިނާމަށް 58 ފޯމު ހުށަހަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި، ދިވެހި މުޖްތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރީގެ ދާއިރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފް ޙާޞިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.

img:http://s4.psmnews.mv/images/660x400/6071.jpg|ޝަރަފުވެރިކަމުގެ އިނާމް ދެއްވުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާ / ފޮޓޯ:ރައީސް އޮފީސް

ޤައުމީ އިނާމު ދެއްވުމުގައި، ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް މިއަހަރުވެސް ވަރަށްބޮޑު އިސްކަމެއް ވަނީ ދެއްވާފައެވެ. އެގޮތުން، ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރްޞަތު ދެއްވުމަށްޓަކައި އިނާމުދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނުއްވައި، މި 2 ދާއިރާއިން އިނާމު ދެއްވާނެ ވަކި ރޮނގުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ޤައުމީ އިނާމާއިބެހޭ ކޮމިޓީން ވިދާޅުވެއެވެ. 

މި ދާއިރާއިން އިނާމު ދެއްވާނީ، 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްގައި ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މީގެއިތުރުން، އެކި ދާއިރާތަކުން އިނާމުދެވޭ ރޮނގުތަކަށްވެސް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ލަފަޔާއެކު މިއަހަރު ބައެއް ބަދަލުތައް ގެންނަވާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވިދާޅުވެއެވެ.

ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.