އެއް ކުލަބަކަށް 100 ލަނޑު ހަމަކުރަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާލިން ހާލަންޑް ނެގި ވަގުތަށްވުރެ އަވަހަށް ހެރީ ކޭން އެކަންކޮށްފިއެވެ.
ކޭން ވަނީ މި ސީޒަނުގައި ބަޔާނަށް ފަސް މެޗުން 10 ލަނޑު ޖަހާފައެވެ. ހުކުރު ދުވަހުގެރޭ އޭނާ ޖެހި ލަނޑާއެކު ބަޔާނަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ.
މިއީ ރޮނާލްޑޯ އާއި ހާލަންޑް، އެ މީހުންގެ ކުލަބަށް 100 ލަނޑު ހަމަކުރި އަދަދަށްވުރެ އަވަސް މުއްދަތެކެވެ. ރޮނާލްޑޯ ރެއާލް މެޑްރިޑަށް 100 ލަނޑު ހަމަކުރީ 105 މެޗުންނެވެ. އަދި އާލިން ހާލަންޑުވެސް މެންޗެސްޓާ ސިޓީއަށް 100 ލަނޑު ހަމަކުރީ 105 މެޗުންނެވެ.
ނަމަވެސް ޖަރުމަން ލީގުގައި ވާޑާ ބްރޭމަން ކޮޅަށް ޖެހި ލަނޑުތަކާއެކު ބަޔާނަށް ކޭން 100 ލަނޑު ހަމަކުރީ 104 މެޗުންނެވެ.
އުމުރުން 32 އަހަރުގެ އިނގިރޭސި ކެޕްޓަން ކޭން އަކީ މިވަގުތު ޖަރުމަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ބަޔާންއާ ގުޅުނީ 2023 ވަނަ އަހަރެވެ. މިއީ ޖަރުމަނުގެ ޗެމްޕިއަން ޓީމުގައި އޭނާގެ ތިންވަނަ ސީޒަނެވެ.