ޚަބަރު

އެސްޓޭވް ބައިކޮޅަށް ޖެހި ދެ ލަނޑާއެކު ސިޓީއަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި މެކްސިމް އެސްޓޭވް ބައިކޮޅަށް ޖެހި ދެ ލަނޑާއެކު 5-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ސިޓީ އަށް ލީޑު ލިބިފައިވަނީ މެޗުގެ 12 ވަނަ މިނިޓުގައި ބާރންލީގެ މެކްސިމް އެސްޓޭވް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ.

ނަމަވެސް މެޗުގެ 38 ވަނަ މިނިޓުގައި ބާރންލީގެ ޖެއިޑަން އެންތަނީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި މެތިއުސް ނޫނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި އޭގެ ހަތަރު މިނިޓުގައި މެކްސިމް އެސްޓޭވް އަތުން ވަނީ ބައިކޮޅަށް އިތުރު ލަނޑެއް ވަދެ މެޗުގެ ނަތީޖާ 3-1 އަށް ބަދަވެފަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި އާލިން ހާލާންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި އިތުރު ވަގުތުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު މެންޗެސްޓަރ ސިޓީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން 10 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 15 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ކްރިސްޓަލް ޕެލަސް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.