ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ އަމާޒަކީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތާވަލުގެ ގަދަ ހައެއްގައި ހިމެނުން ކަމަށާއި، ވިސްނަނީ ރެލިގޭޝަނުން ސަލާމަތްވާން ނޫން ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނަޒީހު ބުނީ "ރެލިގޭޝަން ބެޓަލްއަކަށްވެސް ދާކަށް ބޭނުމެއް ނޫން. ކޮލިފައިން ކުޅެގެން ސަލާމަތްވާކަށްނޫން" ކަމަށާއި ޔޫވީން މަސައްކަތް ކުރާނީ ހައެއްގެ ތެރޭގައި ހިމެެނެން ކަމަށެވެ.
ކުރިޔަށް އޮތް މެޗަކީ ޔޫވީގެ ލެވެލްގައި ޔޫވީން ކާމީޔާބުކުރަން ޖެހޭ މެޗެއް ކަމަށާއި އެއީ މަޖުބޫރު ކަމެއްކަމަށްވެސް ނަޒީހު ބުންޏެވެ. އަދި އެ މެޗުން ތިން ޕޮއިންޓް ހޯދަން ޖެހޭނެކަމަށް އޭނާ ބުންޏެވެ.
"އެ މެޗުގައި އެއްވެސް ހާސަރެއް އަޅުގަނޑަކަށްވެސް ކުޅުންތެރިންނަކަށްވެސް ނުދެއްކޭނެ. އެއީ ތިން ޕޮއިންޓް ނަގަންޖެހޭ މެޗެއް" ނަޒީހު ބުންޏެވެ.
ޔުނައިޑެޓް ވިކްޓްރީން ލީގުގެ ދެވަނަ މެޗުގައި ނިއުރޭޑިއަންޓާއި ދެކޮޅަށް ނިކުތީ ހަމައެކަނި ޕޮއިންޓެއް ހޯދަން ވިސްނައިގެން ކަމަށްވެސް ކޯޗު ނަޒީހު ބުންޏެވެ.
އޭނާ ބުނީ ނިއު ރޭޑިއަންޓަކީ ގައުމީ ޓީމުގެ ގިނަ ކުޅުތެރިންތަކެއް ތިބި ޓީމެއް ކަމަށާއި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މޮޅު ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ.
އެހެންނަމަވެސް ކޯޗު އަލީ ސުޒެއިނަށް އެޓީމު ޓީމަކަށް ހެދޭވަރުގެ ވަގުތެއް އަދި ނުލިބޭކަމަށާއި ޔޫވީން ބޭނުންވީ ޓީމަކަށް ނިއު ނުވަނީސް ނިއު އަތުން ޕޮއިންޓެއް ކަމަށް ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ނިއު އަތުން ޕޮއިންޓެއް ހޯދަން ޔޫވީއަށް ފުރުސަތު ލިބުނު ކަމަށާއި ރަނގަޅު ހަމަލާތަކެއް އުފައްދައިގެން ލަނޑު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަ ކަމަށެވެ. އަދި އެމެޗުގައި ނަސީބު ދިމާކުރި ގޮތެއް ޕޮއިންޓެއް ނުލިބުނީ ކަމަށެވެ.
"ނިއު ރޭޑިއަންޓްގައި އެބަތިބި ރާއްޖޭގެ ގައުމީ ޓީމުގެ މޮޅެތި ކުޅުންތެރިން އެހުރިހާ ގޮތަކަށް ވިސްނާފަ އަދިއެއް އެއީ ޓީމަކަށް ހެދޭވަރެއް ނުވޭ. އެހާ ވަގުތެއް ނުލިބޭ. އެހެންވީމަ އެއަަށް ޓެކްލް ކުރަން ނިކުތީ ސީދާ. އެއީ ޓީމަކަށް މީތި ނުވަނީސް ނިއު ރޭޑިއަންޓް އަތުން ޕޮއިންޓެއް ހޯދަން" ނަޒީހު ބުންޏެވެ.
ޔޫވީގެ ކުޅުންތެރިން ނިއު އާއި ދެކޮޅަށް ނިކުތް މެޗުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް ވަރުބަލިކަން ފެނުން ކަމަށް ނަޒީހު ފާހަގަކުރިއެވެ. އެގޮތުން ބައެއް ކުޅުންތެރިން ވަރިބަލިވެގެން ގޮސް ނުދުވެވިގެން ބައެއް ފަހަރު ޑިފެންސް ނުކުރެވި ދިޔަކަން ފާހަގަކުރިއެވެ.
ލީގުގައި ނިއުރޭޑިއަންޓާއި ދެކޮޅަށް ޔޫވީން ކުޅުނު ފުރަތަމަ މެޗު ނިއުއިން ކާމިޔާބުކުރީ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ނަޒީހު ބުނީ ނިއުރޭޑިއަންޓްގައި ތިބި މޮޅެތި ކުޅުންތެރިންނާއި ބަލާފަ މެޗުގެ ނަތީޖާ ޔޫވީން ބަލައިގަންނަ ކަމަށެވެ.
ބިދޭސީ ކުޅުންތެރިންނާއި ގުޅޭގޮތުން ނަޒީހު ބުނީ ލީގުގައި މިހާރު ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅަށް ކުޅޭ ހަތަރު ކުޅުންތެރިން ތިބީ ޔޫވީގައި ކަމަށެވެ.
"އެހެންވީމަ އަޅުގަނޑަށް ޕްރެޝަރ ބޮޑުވޭ، އެއީ ރިޒަލްޓް މޭކް ކުރަންޖެހޭ އެބަ. އެއީ ރަނގަޅު ކުޅުންތެރިން ތިބެއްޖެއްޔާ. ދެން އަނެއްކާ މި ވިސްނަނީ ރެލިގޭޝަނުން ސަލާމަތްވާކަށް ނޫން. އެއީ ކުރިންސުރެ ޓާގެޓް ސާފުވެފައި އޮވެއްޖެއްޔާތާ ޕްލޭޔަރުންނަށްވެސް އެއަށް ވޯކް ކުރެވޭނީ. ލިބުނު މަދު ދުވަސްކޮޅާއި ހުރިހާ ކަމަކަށް ބަލާފަ ދެން މިލިބޭ ބްރޭކް ތެރޭގައި ތައްޔަަރުވާނީ ތާވަލުގެ ގަދަ 6 ގެ ތެރޭގައި ހިމެނެން" ނަޒީހު ބުންޏެވެ.
ޔޫވީ މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ. ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު ފުރަތަމަ މެޗުގައި ވަނީ 4-0 ގެ ނަތީޖާއަކުން އޮޑިއަތުން ބަލިވެފައެވެ.