ޚަބަރު

9 އަހަރު ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ނިއު ރޭޑިއަންޓަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް، ތާވަލުގެ ކުރިއަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ. 9 އަހަރު ފަހުން ރާއްޖޭގެ ލީގުގައި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ނިއު ރޭޑިއަންޓުން ވަނީ ކުޅުނު ތިން މެޗުން 9 ޕޮއިންޓް ހޯދާފައެވެ. ނިއު ރޭޑިއަންޓް އޮތީ ދެވަނައިގައެވެ. އެއީ ފައިދާ ލަނޑުގެ ގޮތުން ދެ ޓީމު ހަމަހަމަވި ނަމަވެސް، ޖެހި ލަނޑުގެ ތަފާތުން މާޒިޔާއަށް ކުރި ލިބޭތީއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުންވެސް އެޓޭކަށް ވިސްނައި ހަމަލާތައް އުފައްދަން ވަނީ މަސައްކަތްކޮށްފައެވެ. މެޗުގެ ދެވަނަ މިނެޓުގައި މުޙައްމަދު އިރުފާން ނަގައިދިން ބޯޅައެއް ނިއު ރެޑިއަންޓުގެ ބްރެޒިލް މިޑްފީލްޑަރު ގޯމޭސް ޑި ސިލްވާ ފޮނުވާލުމުން ދިޔައީ ބޭރަށެވެ.

މުޅި މެޗުގައިވެސް ވެލެންސިއާއަށް ލަނޑެއް ޖަހަން ލިބުނީ ހުސް އެންމެ ފުރުސަތެކެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އޭރިއާ ބޭރުން ވެލެންސިއާގެ އީތަން އިބްރާހީމް ޒަކީ ނަގައިދިން ބޯޅައެއް ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޮބާ ސިއްލާ ބޮލުން ޖެހުމުން ވަނީ ގޯލާ ސީދާ ނުވެފައެވެ.

ފުރަތަމަ ހާފުގައި 35 ވަނަ މިނެޓުގައި ނިއުގެ ހަސަން ރާއިފް އަޙްމަދު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ނިއު ރޭޑިއަންޓުގެ މުޙައްމަދު ސަޚާއު ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެން ދަނިކޮށް ނިއު ރޭޑިއަންޓުގެ އަލީ ފާސީރު އޭރިއާ ބޭރުން ގޯލުގެ މަތީ ކަނާ އަމާޒުކޮށް ފޮނުވާލި ހިލޭޖެހުން ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ ކުރިއަށް އަރައިގެން ކުޅުނު ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދިފާއީ ކުޅުމެކެވެ.

ނިއު ރޭޑިއަންޓުން ވެލެންސިއާ ކޮޅަށް ފުރަތަމަ ލަނޑު ވައްދާލީ މެޗުގެ 60 ވަނަ މިނެޓުގައި ޑި ސިލްވާ ނަގައިދިން ބޯޅައެއް ވެލެންސިއާގެ އަޙްމަދު އަތުވާން އަލީ ބޮލުގައި ޖެހިފައި ދިޔުމުން އޭރިއާ ތެރެއިން ފާސިރު ގޯލުގެ ތިރީ ކަނަށް އަމާޒުކުރި ބޯޅައަކުންނެވެ.

ނިއު ރޭޑިއަންޓުގެ ދެވަނަ ލަނޑު ފާސިރު ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އެއީ އޭރިއާ ތެރެއިން ފާސިރު ފޮނުވާލި ބޯޅަ ވެލެންސިއާގެ މިސްރު ޑިފެންޑަރު ބަސެލް އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުލިބެއެވެ. ހަމަ އެހެންމެ ވެލެންސިއާގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް އެ ޓީމުގެ މެދުތެރެއިން މާ ރަނގަޅު ބޯޅަތަކެއް ދެވިފައެއް ނުވެއެވެ.