ޚަބަރު

ސްލޮވާކިއާގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ވިކްޓަރީއާ ހަވާލުވެއްޖެ


ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް ސްލޮވާކިއާގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ގެރީ ހަމަޖައްސައިފިއެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބުން ވަނީ އައު ކޯޗުކަން ޖޯޖްލީއާ ހަވާލުކޮށް، އޭނާ މީޑިއާއަށް ތައާރަފުކުރުމާއި، އެ ކުލަބުގެ އައު ބޯޑު މީޑީއާއަށް ތައާރަފުކުރުމަށް ރޭ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޖޯޖްލީއަކީ ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ކޯޗެކެވެ. މުޅިން އަލަށް އޭޝިއާގެ ޓީމަކާ ހަވާލުވި ޖޯޖްލީއަކީ ސްލޮވާކިއާގެ ފުރަތަމަ ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ. މީގެ އިތުރުން އެ ގައުމުގެ ޔޫތު ޑިވެލޮޕްމެންޓް ޑިރެކްޓަރުގެ މަގާމުވެސް އޭނާ އަދާކޮށްފައިވެއެވެ.

އުމުރުން 48 އަހަރުގެ ޖޯޖްލީ އަކީ ކުރީގެ މަޝްހޫރު ޑިފެންޑަރެކެވެ. 2014 ވަނަ އަހަރުން ފެށިގެން ކޯޗިން ކެރިއަރު ފެށި ޖޯޖްލީ މަސައްކަތް ކޮށްފައިވަނީ ސްލޮވާކިއާ އާއި ސާބިއާގައެވެ. ޔޫރަޕް ފުޓްބޯޅައިގެ އުކުޅުތައް ދަސްކޮށްފައިވާ މި ކޯޗާއެކު އެންމެ ފުރަތަމަ ވިކްޓަރީ ސްޕޯޓްސް ކުލަބުން ނިކުންނާނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ މިވަގުތު އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. ވިކްޓަރީއަށް ލީގުގައި މިހާތަނަށް ކޯޗުކަން ކޮށްދީފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ލެޖެންޑް އަދި ކުރީގެ އެންމެ މޮޅު އެއް ފޯވާޑް އާދަމް އަބްދުލް ލަތީފް (ލައްޗޭ) އެވެ. އޭނާ ބުނެފައިވަނީ ވިކްޓަރީއަކީ ފުޓްބޯޅައިން އެންމެ ގިނަ ތަށި ހޯދާފައިވާ ކުލަބު ކަމަށާއި، މި ސީޒަނުގައި މެޗަކުން ބަލިވެގެން ގޮސް އަރާމުކުރާނެ ފުރުސަތެއް އެ ކުލަބަށް ނެތް ކަމަށެވެ. އަދި ލީގުގައި ކުރިއަށް ހުރި މެޗުތަކުގައި މޮޅުވާން ހުރިހާ ކުޅުންތެރިންވެސް ގަދަ ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ވިކްޓަރީން ކުޅުނު މެޗުތަކުގެ ތެރެއިން 1-0 ގެ ނަތީޖާއަކުން ވަނީ ކުލަބު ގްރީން ސްޓްރީޓްސް އަތުން މޮޅުވެފައެވެ. އަދި 5-0 ގެ ނަތީޖާއަކުން ވަނީ ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވެފައެވެ.