މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ތަރައްގީކުރަމުންދާ ގައުމީ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
މިއަދު ހަވީރު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން އަދާހަމަ މަޢުލޫމާތު ހޯއްދަވައި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އެ މަނިކުފާނުގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަޑައިގެންނެވިއެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ މި ސްޓޭޑިއަމް ތަރައްގީކުރަމުންދަނީ ކުޅިބަލާ ސަރަހައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަޙައްދު، ކޮމެންޓަރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަވޭޝަން ކޯނަރ، ޖިމް، ޓެރަސް، މަލްޓިޕާޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭގޮތަށެވެ. މި މަސައްކަތް ފުރިހަމަކުރެވުމުން ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމަކީ އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. މާލޭ ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.
މި ސަރަހައްދުގައި ގާއިމުކުރާ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ބަައިނަލްއަގުވާމީ މުބާރާތްތައް ވަރުނުލާ ރާޅުގަނޑުގައި ބޭއްވުމަކީ ރާޅާއެޅުންތެރިންގެ ވަރަށް ބޮޑު އުއްމީދެކެވެ. އެގޮތުން ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ މޯލްޑިވްސް ޕްރޯ އަންނަ އަހަރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަކީ ރާޅާއަޅާ ކޮމިއުނިޓީގެ ވަރަށް ބޮޑު ހުވަފެނެކެވެ.