ކުޅިވަރު

ރޯހިތު ވަކިކޮށް އިންޑިއާގެ ކެޕްޓަންކަން ގިލްއަށް


ރޯހިތު ޝަރުމާ ވަކިކޮށް، އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ޝުބްމަން ގިލްއަށް ދީފިއެވެ.

މިކަން އިއުލާންކުރީ އިންޑިޔާއިން ކުރިއަށް ހުރި 50 އޯވަރުގެ މެޗުތަކަށް އިއްޔެ ސްކޮޑް އިއުލާނުކުރުމާއެކުގައެވެ. ކެޕްޓަންކަން އަތުލި ނަމަވެސް އިންޑިޔާ ޓީމުގައި ރޯހިތާއި ތަޖުރިބާކާރު ބެޓްސްމަން ވިރާތް ކޯލީ ހިމަނާފާއިވެ އެވެ. މި ދެ ކުޅުންތެރިން ވަނީ ޓުވެންޓީ20 ކްރިކެޓާއި ޓެސްޓް މެޗުތަކުން ރިޓަޔާކޮށްފަ އެވެ. މިހާރު ދެ ކުޅުންތެރިން ކުޅޭ ހަމައެކަނި ފޯމެޓަކީ 50 އޯވަރުގެ އެއް ދުވަހުގެ މެޗުތަކެވެ.

އިންޑިޔާގެ މީޑިއާތަކުން ބުނާ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށްދިން ކެޕްޓަން ރޯހިތް އަތުން ކެޕްޓަންކަން އަތުލަން ނިންމީ ސިލެކްޝަން ކޮމިޓީގެ އިސް މެމްބަރު އަޖިތް އަގަރްކަރު ކަމަށެވެ. އަދި ކޯޗު ގައުޓަމް ގަމްބީރުގެ ލަފައާއެކު ނިންމާފައިވާ ކަމެއް ކަމަށެވެ.

މިކަމާ ބެހެ ގޮތުން ރޯހިތު ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އަޖިތް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ އަތުން ކެޕްޓަންކަން އަތުލީ ބައެއް ސަބަބުތަކާ ހެދި ކަމަށެވެ.

"އެންމެ މުހިންމު އެއް ކަމަކީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުން. ތަފާތު ފޯމެޓްތަކުގައި ތަފާތު ކެޕްޓަނުން ތިބުމަކީ ރަނގަޅު ގޮތެއް ނޫން ވޯލްޑް ކަޕަށް ތައްޔާރުވާއިރު. ތިން ފޯމެޓަށް ތިން ކެޕްޓަނުން ތިބުން އެއީ ކަމުދާ ގޮތެއް ނޫން. މިހެންންވީމާ އަލަށް އަންނަ ކެޕްޓަނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ވެސް ބޭނުންވާނެ. މި ޕްލޭން މިވަގުތު ހަދަން ޖެހޭ،" އަޖިތު ބުންޏެވެ.

އޭނާ ބުނީ އިންޑިޔާ ކްރިކެޓް ބޯޑުގެ މި ނިންމުން އިއުލާނު ކުރުމުގެ ކުރިން ރޯހިތަށް އަންގާފައިވާނެ ކަމަށެވެ.

"އޭނާ ވެސް އެންމެ ގިނައިން މިހާރު ކުޅޭ ފޯމެޓަކީ ވޯލްޑް ކަޕް ފޯމެޓް. އަހަރުމެން ވޯލްޑް ކަޕަށް ތައްޔާރުވާ ސްކޮޑުގައި އޭނާ އާއި ވިރާތު ވެސް ހިމެނިން. އެކަމަކު އެހެން ކަންކަމާ ހުރެ އަހަރުމެން އެބަޖެހޭ ތައްޔާރުވުމުގެ މަރުހަލާ ރަނގަޅަށް ކުރިއަށް ގެންދަން،" އަޖިތު ބުންޏެވެ.

އިންޑިޔާ ޓީމުގައި މިވަގުތު އެންމެ ރަނގަޅަށް ކުޅެ އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅުންތެރިއއަކީ ޝުބްމަން ގިލް އެވެ. އޭނާ އަކީ މި ދިޔަ ހަފުތާގައި ނިމުނު އޭޝިޔާ ކަޕްގައި އިންޑިޔާގެ ކެޕްޓަން ވެސް މެ އެވެ.