ކުޅިވަރު

ހަތަރު ރަށެއްގެ ކުޅިވަރު މަޝްރޫއުތައް އާރްޑީސީއާ ހަވާލުކޮށްފި


ހަތަރު ރަށެއްގެ ކުޅިވަރާ ގުޅުންހުރި މަޝްރޫއުތަކެއް ނިންމުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައެވެ.

މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ.

ސަރުކާރާއި އާރްޑީސީއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އަދ. މަހިބަދޫ ފުޓުބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމާއި ރޮސްޓަރަމް ޤާއިމުކުރުމާއި އއ. ތޮއްޑޫ އަދި ހިމަންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތެވެ. އޭގެ އިތުރުން ގއ. ކޮނޑޭގައި އައުޓްޑޯ ވޮލީކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިއެއްބަސްވުމުގެ ދަށުންވަނީ އާރްޑީސީއާއި ހަވާލުކުރައްވާފައެވެ.

އާދިއްތަ ދުވަހު ބޭއްވުނު މިރަސްމިއްޔާތުގައި މިދާއިރާތައް ތަމްސީލުކުރައްވަމުންގެންދަވާ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ހަލުވިކަމާއެކު ޤާއިމުކުރެވެމުންދާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދުފުޅެކެވެ. މިމަސައްކަތުގެ މަޤްސަދަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ އާބާދީއަކަށް ހެދުމެވެ.