ކުޅިވަރު

އިސްރާއީލް މެޗު އިޓަލީގައި ކުޅުމަކީ އަލިފާނަށް ތެޔޮ އެޅުން: މޭޔަރު


ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު އިސްރާއީލާ ދެކޮޅަށް ކުޅޭ މެޗު މި ވަގުތު އިޓަލީގައި ކުޅުމަކީ އަލިފާނަށް ތެޔޮ އެޅުން ފަދަ ކަމެއް ކަމަށް އުދިނޭގެ މޭޔަރު ވިދާޅުވެއްޖެއެވެ.

ނޯވޭއާ ދެކޮޅަށް ހޮނިހރު ދުވަހު ކުޅޭ މެޗަށް ފަހު އިސްރާއީލުން އިޓަލީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އިޓަލީގެ އުތުރުގައިވާ އުދިނޭއަށް ނިސްބަތްވާ އުދިނޭޒީގެ ސްޓޭޑިއަމް ކަމަށްވާ ފްލިއޫލީ ސްޓޭޑިއަމުގައެވެ. އެ ސިޓީގެ މޭޔަރު އަލްބާޓޯ ފެލިކޭ ދި ޓޯނީ ވިދާޅުވީ މި ނޫން ދުވަސްވަރެއްގައި މެޗު ކުޅެން އޭނާ ހުށަހެޅުއްވި ކަމަށެވެ.

"އަހަރެން ވާނީ އިޒްރޭލް މެޗު ފަސްކޮށްދޭން އެދިފައި މިވަގުތު މި ގައުމުގެ މީހުންގެ ވިސްނުމާއި ހާލަތު ހުރި ގޮތުން މިއީ ގައުމީ ޓީމެއްގެ ހަރަކާތެއް ބާއްވައި އެކަމުގެ އުފާފާޅު ކުރަން ރަނގަޅު ވަގުތެއްނޫން. އެކަމަކު އަހަރެންގެ ހުށަހެޅުން ކަމާ ބެހޭ ފަރާތްތަކުން ވަނީ ތަފާތު ސަބަބުތަކާހުރެ ގަބޫލު ނުކޮށްފައި،" މޭޔަރު ވިދާޅުވި އެވެ.

އޭނާ ބުނީ އިސްރާއީލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމަށް އިޓަލީގެ އާއްމު ރައްޔިތުން އިސްރާއީލާ މެދު ފާޅުކުރަމުންދާ ހިތްހަމަނުޖެހުންތަކާއި، ބާއްވަމުންދާ އެއްވުންތަކުގެ ސަބަބުން މި ވަގުތު އެންމެ ރަނގަޅު ގޮތަކީ މި މެޗަށް ސަޕޯޓަރުން ދަނޑަށް ނުވައްދައި ކުޅުން ކަމަށެވެ.

"އަލިފާނަށް ތެޔޮ އެޅުމަށްވުރެ އެންމެ ރަނގަޅު ގޮތަކީ އަހަރެން ދެކޭ ގޮތުގައި މި މެޗަށް ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗު ކުޅުން،" މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަނޑަށް މީހުން ވައްދާނަމަ އެންމެ ގިނަވެގެން ވެސް ވެއްދުން ރަނގަޅީ 6000 މީހުން ކަމަށެވެ. އަދި ދަނޑު ބޭރުން މެޗު ބަލަން އެންމެ ގިނަ ވެގެން ތިބެވޭނީ 10000 މީހުންނަށް ހަދަން ޖެހޭ ކަމަށެވެ.

"މިވަގުތު ހާލަތު މި އޮތީ އެހާ ރަނގަޅަށްނޫން. ދަނޑަށްވުރެ ދަނޑު ބޭރުގައި މީހުން ގިނަވާނެ. މިވަގުތު މިކަންކަން ހަމަޔަކަށް އެޅޭނެ ގޮތެއް ހޯދަން ޖެހޭ،" މޭޔަރު ވިދާޅުވި އެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސީންނާއި ފްރާންސާ ޚިލާފަށް އިޓަލީ އަކީ ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށްފައިވާ ގައުމެއް ނޫނެވެ. ނަމަވެސް ޢައްޒާއަށް އިންސާނީ އެހީތެރިކަން އެހީވުމަށް އިޓަލީގެ ފްލޮޓިއްލާގެ މީހުން ކުރި މަސައްކަތަށް އިސްރާއީލުން ވަނީ ހުރަސް އަޅައިފަ އެވެ. އިޓަލީގައި އިޒްރޭލާ ދެކޮޅު ހަރަކާތްތައް މިވަގުތު ގިނަވެފައިވަނީ ވެސް މި ކަމާ ހުރެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލާ ދެކޮޅު އެއްވުންތައް ކޮންޓްރޯލްކުރަން މިލާނާއި ރޯމުގެ މަގުތަކަށް ނުކުތް އިޓަލީގެ ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުންތައް އަންނަނީ ހިނގަމުންނެވެ.

އިޓަލީގައި މި މެޗާ ދިމާކޮށް މަސްރަހު ހޫނު ވަމުންދާއިރު ނޯވޭގެ ވެރިރަށް އޮސްލޯގައި ކުޅޭ މެޗަށް އެ ގައުމުންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ. މި ގޮތުން މެޗު ކުޅެ ސްޓޭޑިއަމަށް ވައްދާނީ ގިނަވެގެން 3000 މީހުން ކަމަށް ވަނީ ނިންމާފައެވެ. އަދި މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިން ގޭޓުތައް ބަންދު ކުރުމަށްވެސް ވަނީ ނިންމާފައެވެ.