ކުޅިވަރު

ކާވާ މެންސް ކަޕް 2025ގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ވޮލީ ޓީމު އިއުލާންކޮށްފި


މިމަހުގެ 22 އިން 28 ގެ ނިޔަލަށް ބަނގްލަދޭޝްގެ ވެރިރަށް ދާކާގައި ކުރިއަށްދާ ކާވާ މެންސް ކަޕް 2025ގައި ބައިވެރިވާ ރާއްޖޭގެ ސީނިއާ ގައުމީ ވޮލީ ޓީމު އިއުލާންކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި އޮތް މިރަސްމިއްޔާތުގައި ރާއްޖޭގެ ސީނިއާ ގައުމީ ވޮލީ ޓީމަށް ހޮވުނު ކުޅުންތެރިން އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

މިރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އާއި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް ބައިވެރިވަޑައިގެންނެވިއެވެ. އޭގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަޠީފާއި ޖެނެރަލް ސެކްރެޓެރީ މުހައްމަދު ސައީދުގެ އިތުރުން ކުޅިވަރާއި ގުޅުންހުރި ގިނަ ފަރާތްތަކަކުން ބައިވެރިވަޑައިގެންނެވިއެވެ.

ކާވާ މެންސް ކަޕް 2025ގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނާއި މުޚާޠަބުކުރައްވާ ނައިބު ރައީސް ވިދާޅުވީ ވޮލީއަކީ ރާއްޖޭގައި ދިގު ތާރީޚެއް އޮތް ކުޅިވަރެއްކަމަށެވެ. އަދި މިހާރުވެސް މިކުޅިވަރުން ގިނަ ކާމިޔާބީތައް ރާއްޖޭގެ ޓީމުން ހޯދަމުން އަންނަކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މިމުބާރާތުންވެސް ފަޚުރުވެރި ވަނައެއް ގެންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ރާއްޖޭގެ ސީނިއާ ވޮލީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށް ވިދާޅުވަމުން ކުޅިވަރު ވަޒީރުވަނީ މިކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކާވާ މެންސް ކަޕް 2025 އަށް ފަރިތަކުރުމުގެ ގޮތުން ސީނިއާ ވޮލީ ޓީމުން ތައިލޭންޑަގަ ކޭމްޕް ކުރުމަށް ވަނީ ހަމަޖެހިފައެވެ.