ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އަންނަ އަހަރު ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ 50 މީހުން ހޮވައިފިއެވެ. އަންނަ އަހަރު ޙައްޖަށް ފޮނުވާ މީހުން ކަނޑައެޅުމަށް ގުރުއަތުލުން ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
މިދައުރު ތެރޭގައި 1000 މީހުން ޚައްޖަށް ފޮނުވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިގޮތުން ސަރުކާރު ޚަރަދުގައި ޙައްޖަށްދާ މީހުން ކަނޑައަޅާފައިވަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް މީހުން މެދުގައި ބޭއްވި ގުރުއަތުލުމަށްފަހުއެވެ.
މިފަހަރުވެސް ސަރުކާރުގެ ޚަރަދުގައި ޚައްޖަށް ދިއުމަށް ގުރުއަތުން 50 މީހަކު ހޮވާފައިވެއެވެ. އަދި ގުރުއަތުން ހޮވުނު 50 މީހުންގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ހައްޖަށް ނުދެވޭނަމަ ބަދަލުގައި ހައްޖަށް ދާން އިތުރު 25 މީހެއްގެ ނަން ގުރުއަތުން ނަގާފައިވެއެވެ.
އިސްލާމީ ކަންތަތައްކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރު ފަޤީރުންގެ ދަފުތަރުގައި ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ 376 މީހުން ތިބި ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި އެހުރިހާ އެންމެންވެސް ޙައްޖަށް ފޮނުވައި ނިމޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރުއެވެ. މިގޮތުން މިދިޔަ 50 މީހުން އަދި މިއަހަރު 50 މީހުން ޙައްޖަށް ފޮނުވާ، މުޅި ޖުމްލަ 100 މީހުން ސަރުކާރު ޚަރަދުގައި ހައްޖަށް ފޮނުވާފައިވެއެވެ.
ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ. ރާއްޖެއިން މިހާރު މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުން އެކަނި ކަމަށްވާއިރު ކޮންމެ އަހަރަކު ޙައްޖަށް މީހުން ގެންދަން މިހާރު ރާއްޖެއަށް 1000 މީހުންގެ ކޯޓާއެއް ލިބެއެވެ.
ފަޤީރުން ޙައްޖަށް ފޮނުވުމުގެ އިތުރަށް ސަރުކާރުން ވަނީ ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކޮށްފައިވެއެވެ. އަދި 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން ހިމެނެއެވެ.
މި އުޞޫލްގެ ދަށުން ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުންކަމަށް ކަނޑައަޅާފައިވެއެވެ.