ޚަބަރު

ޓްރޭޑްނެޓްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފި


  • މިކުންފުނި އުފައްދާފައިވަނީ 2019 ވަނަ އަހަރު

  • އެކުންފުނީގެ މަޤްސަދަކީ ރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުން

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ. މިގޮތަށް ބަދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމަށެވެ.

އެކުންފުނީގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްގެ ނަމަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައެވެ. އެގޮތުން ސަރުކާރުގެ ޓެކްނޯލޮޖީއާއި އިނޮވޭޝަނަށް ޚާއްސަ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ދިވެހިރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގުމާއި، އެކުންފުންޏާއި ހަވާލުކުރައްވާފައިވާ މެންޑޭޓް ތަންފީޒުކޮށް، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0" ގެ ތަޞައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވަނީ ބަޔާންކުރައްވާފައެވެ.

ޓެޖްނޮލޮޖީގެ ދާއިރާއިން ރާއްޖެ އިތުރަށް ކުރިއެރުވުމަށް އެކި މަސައްކަތްތަކެއް ޓްރޭޑްނެޓްގެ ދަށުން އަންނަނީ ކުރައްވަމުންނެވެ. މިގޮތުން ރާއްޖޭގެ ހިންގުމުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 9 ކައުންސިލެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް އެކުންފުނިންވަނީ ފައްޓަވާފައެވެ. އަދި 40 ކައުންސިލަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށް އަންނަނީ އެކުންފުންޏާއެކު މަސައްކަތް ކުރަމުންނެވެ.