ޚަބަރު

ކުއްލި ޙާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރަންޖެހޭ: ފަސްޓު ލޭޑީ


  • މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްވެސް އޮކްޓޯބަރ 10ގައި

  • ހާލުގައި ޖެހިފައިވާ މީހުންގެ މަތިން ހަނދާންކުރުމަށް ގޮވާލެއްވި

ކުއްލި ހާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން، މީސްމީޑއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވަނީ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި އެކި ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާން ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. މިފަދަ ނާޒުކު ހާލަތްތަކުގައި އަބަދުވެސް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވަނީ ކުޑަކުދިންނާއި އަންހެނުންނަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޙްތިޔާރީކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ހައްޤެއް ކަމަށް ވިދާޅުވިއެވެ.

އެކަމަނާގެ ޕޯސްޓް ނިންމަވާލެއްވީ، ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ފަރުވާ ދިނުމަށާއި، ކުލުނުވެރިކަން އިސްކުރުމުގެ އިތުރަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އިސްކަން ދިނުމަށް ގޮވާލައްވަމުންނެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ކޮންމެ އަހަރެއްވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހެއެވެ. މި ދުވަސް ފާހަގަކުރަނީ ނަފްސާނީ ދުޅަހެޔޮކަމަށް، ހޭލުންތެރި އަދި އަހުލުވެރި މުޖްތަމަޢުއެއް ބިނާކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކާލާތު ކުރުމަށެވެ. މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރު ބިނާވެފައިވަނީ ކުއްލި ހާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.