ށ. ނޫމަރާގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
ނޫމަރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޫމަރާއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ނޫމަރާގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މެޖަރ ރިޓަޔާޑް މުހައްމަދު ނަޖާހް އަދި ނޫމަރާ ކައުންސިލުގެ ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނޫމަރާގައި އަޅާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އިންޑޯ ޖިމާއި މީޓިންގރޫމާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި ގިނަ އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްގީކުރާ ސެންޓަރެކެވެ.
ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަކީ މިސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.