ދަނޑުވެރިކަމުގެ ސިނާޢަތަކީ ޒަމާނުއްސުރެން ދިވެހިން މަސައްކަތްކޮށް އާމްދަނީ ހޯދާ މުހިންމު ސިނާއަތެކެވެ. ކުރިން ދަނޑުވެރިކަމަށް ނުހަނު ބޮޑަށް އިސްކަންދިން ނަމަވެސް ދަނޑުވެރިކަމަކީ މޫސުމީ ކަމެއްކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކޮށް އެހެނިހެން ސިނާއަތްތަކަށް އިސްކަންދޭންފެށުމުގެ ސަބަބުން ދިވެހި އިޤްތިސާދުގައި ދަނޑުވެރިކަން ހިއްސާވާ މިންވަރު ދަށްވެގެންދިޔައެވެ.
އެއާއެކު ގިނަ އަހަރުތަކެއް ވަންދެން ދަނޑުވެރިކަމުގެ ސިނާއަތް އޮތީ ސިނާޢަތެއްގެ ގޮތުގައި ކުރިއަރުވަން އެންމެ އެކަށޭނަ ގޮތުގައި މަސައްކަތް ނުކުރެވިއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ބައެއް ރަށްތަށުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރިނަމަވެސް، ރާއްޖެފަދަ އިންޕޯޓަށް ބަރޯސާވެފައިވާ ޤައުމަކުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭންޖެހޭ މިންވަރަށް އިސްކަންދެވިފައި ނުވާކަން މި ސިނާއަތުގައި މިއަދުވެސް ހަރަކާތްތެރިވާ މީހުންގެ ވާހަކައިން އެނގެއެވެ.
އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ދަނޑުވެރިކަމާއި ބެހޭ ވުޒާރާ ވަކި ވުޒާރާއެއްގެ ގޮތުގައި ހައްދަވައި ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް ދަނޑުވެރިންނަށް ގިނަ ފުރުޞަތުތަކެއް ވަނީ ފަހިކޮށްދެއްވާފައެވެ. އެގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ފަހިކޮށް، ތަފާތުއެެކި ތަމްރީނުތައް ދަނޑުވެރިނަށް ދަނީ ފޯރުކޮށްދެމުންނެވެ.
އެންމެ މުހިންމުކަމަކީ ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަކަށް ބަދަލުކުރުމުގެ މަސައްކަތެކެވެ. މޫސުމީ ދަނޑުވެރިކަން ދޫކޮށް ކޮންމެ ދުވަސްވަރެއްގައިވެސް ދަނޑުވެރިކަން ކުރެވޭނެ މަގު މިހާރުމިވަނީ ފަހިވެފައެވެ.
ދަނޑުވެރިމުގެ ދާއިރާ ކުރިއަރުވަމުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ޕީއެސްއެމްނިއުސްއަށް ހިއްސާކުރައްވަމުން ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ޕާރމަނަންޓު ސެކެޓްރީ މުޙައްމަދު އަނީސް ވިދާޅުވީ ދަނޑުވެރިކަން ސިންދަފާތު ކުރުމައްޓަކައި ވެލިއު އެޑިޝަން ސެންޓަރުތައް އުފެއްދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތުއެކި ބާވައްތައް އާލާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަށް ބަދަލުކުރުމުގެ ގޮތުން ތަފާތު އެކި މަޝްރޫއުތައްވެސް ހިނގަކަމަށެވެ.
މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުން ވަށާޖެހޭ ދަނޑުވެރިކަމެއް ޤާއިމްކުރުމަށް ދަނޑުވެރިންނަށް ތަމްރީނުދިނުމާއި މާލީ އެހީތެރިކަން ދިނުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އަނީސް ވިދާޅުވިއެވެ. އަނީސް ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމާއި ދިމާލައް މިސްރާބުހުރި އިރު ޒަމާނީ ދަނޑުވެރިކަން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ގްރީން ހައުސްގައި ދަނޑުހެއްދުމަށް ބޭނުންވާ ފަންނީ ތަމްރީނުތަކާއި އެކި މައުލޫމާތުތައް ފާއިތުވި 2 އަހަރު ތެރޭގައި ފޯރުކޮށްދީފައިވާކަމަށެވެ. މިއީ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އަނީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ކަނޑައެޅިފައިވާއިރު އެ ދަނޑުވެރިން އުފައްދާ ތަކެއްޗަކީ ވަކި މިންގަނޑަކަށް ފެތިފައިވާ ތަކެއްޗައްވާނެކަަމަށެވެ. އެގޮތުން ކުރިއަށްއޮތް މުސްތަގްބަލުގައި މިފަދަ ސެޓިފައިޑް ދަނޑުވެރިންނާއި ދަނޑުތައް ކަނޑައެޅިގެންދާނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގެސްޓުންނަށް ދޭ ތަކެއްޗަކީ ރައްކާތެރިތަކެތިކަމަށް ކަށަވަރުވާނެކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދަށް އޭގެ ހެޔޮބަދަލު އަންނާނެކަމެއްކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ޕާރމަނަންޓު ސެކެޓްރީ މުޙައްމަދު އަނީސް ވިދާޅުވިއެވެ.
"ރާއްޖޭގެ ދަނޑުވެރިމުގެ ދާއިރާގެ މިސްރާބު މިހާރު ހުރި ގޮތުން ފުޑް ސެކިއުރެޓީއަށް ވަރަށް ބޮޑު ކޮންޓްރިބިއުޝަންއެއް ގެނެވިދާނެ. އަޅުގަނޑުމެންނަށް ދާދިފަހުން ގުޑް އެގްރިކަލްޗަރ ޕްރެކްޓިސް ގެޕް ސެޓްފިކެޓް 10 ދަނޑެއް ސެޓިފައިޑްވެގެން ވަނީ ގޮސްފައި. . މާނައަކީ އަޅުގަނޑުމެންގެ މިންގަނޑުތަކަށް ފެތޭ ދަނޑުތަކެއް އޭގެން ލިބޭ ޕްރޮޑަކްޓަކީ ވަކި މިނގަޑަކަށް ހުންނަ އެއްޗެއް. އަޅުގަނޑު ގަބޫލުކުރަނީ މިގޮތައް ގެޕް ސެޓިފައިޑް އަޅުގަނޑުމެންގެ މިންގަނޑުތަކަށް ފެތިއްޖެނަމަ އެއީ ޓުއަރިޒަމް އިންޑަސްޓްރީވެސް ގަބޫލުކުރާ ޕްރޮޑަކްޓަކަށް ވާނެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަރިސްޓުންނަށް ދެވޭ އެއްޗަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރުވާނެ. މިއީ އިގްތިސޯދައް ރަނގަޅު ބަދަލެއް އަންނާނެ ކަމެއްކަމަށް" އަނީސް ވިދާޅުވިއެވެ.
ދިވެހިން ދަނޑުވެރިކަން ކުރާ ގޮތަށް މިހާރުވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި ދަނޑުވެރިން ކުރާ މަސައްކަތްކުރާ ވައްޓަފާޅިއަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ. ޒަމާނީ ދަނޑުވެރިކަމާއި ނުވަތަ ގްރީން ހައުސްގައި ކުރާ ދަނޑުވެރިކަމަކީ ބުރަކަން ކުޑަ، ހަރަދުކުޑަގޮތެއްގައި ކުރެވޭ ދަނޑުވެރިކަމެކެވެ. އެއާއެކު ކެމިކަލް މަދުން ބޭނުންކޮށް ހައްދާ ތަކެއްޗަކީ ކޮލެޓީ ރަނގަޅު ތަކެއްޗައް ވެގެން ދެއެވެ.
މީގެ އިތުރުން ފެނުގައި ގަސްހެއްދުން ނުވަތަ ހައިޑްރޯޕޯނިކްސް ދިވެހިންނަށް ތަޢާރަފުވެފައި ވަނީ ދެހާހުގެ އަހަރުތަކުގައެވެ. ގަހަށް ފެންދިނުމުގައި ބޭނުންކުރާ "ފާޓިލޭޝަން" ވެސް މިހާރު ރާއްޖޭގައި ބޭނުންކުރެއެވެ. ރަނގަޅަށް ޑިޒައިން ކޮށްފައިވާ ފާޓިލޭޝަން ނިޒާމުގައި ހުރިހާ ގަހަކަށް އެއްވަރަކަށް ގަސްކާނާ ދެވި ގަސް ރަނގަޅަށް ހެދި ބޮޑުވެއެވެ. އަދި ވަގުތު ވެސް ސަލާމަތްކުރެވެއެވެ. މީގެ އިތުރުން ގްރީން ގޭސްގައި ގަސްއިންދާ އޭގެ ދަނޑުވެރިކަންވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނީ ކުރެވެމުންނެއެވެ.