ޚަބަރު

ފޯކައިދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް، އަންނަ އަހަރު ހައުސިންގ މަޝްރޫއެއް


ފޯކައިދޫގެ ތަރައްޤީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވައި، އަންނަ އަހަރު އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފޯކައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.

ފޯކައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ އެރަށުގެ ތަރައްގީއަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަން އެބަހުރިކަމާއި އެ މަސައްކަތްތައް ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާނެކަމަަށެވެ. އޭގެ ތެރޭގައި މިއަދު ފެށި 3 މަޝްރޫޢުއާއި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ރައްޔިތުންނަށް ނަފާ ލިބޭނެ މަސައްކަތްތަކެއްކަމަށެވެ. އެ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވާ ރައީސް ވިދާޅުވީ އެ މަސައްކަތްތައް ފަށާނީ ސާމާނާއި ފައިސާ ހަމަޖެހިގެންކަމަށެވެ.

ރައީސް ވިދާޅުވީ މި މަސައްކަތްތައްކުގެ އިތުރަށް ރައްޔިތުންނަށް ދަތިވާ ކަންތައްތައް އެބަހުރިކަމަށާއި ކުޅިވަރުގެ ދާއިރާއިން މިއަހަރު އިތުރު މަޝްރޫޢުތަކެއް ފަށަން ގަސްދުކުރާކަމަށް. އެގޮތުން މިމަހުގެ ތެރޭގައި ފުޓްޞަލް ދަނޑަކާއި ހޭންޑް ބޯޅަ ދަނޑު ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެތަންތަން ތަރައްޤީކުރަނީ ރޭގަނޑުވެސް ކުޅެވޭ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފޯކައިދޫ ސްކޫލަށް ދިމާވެފައިވާ ޖާގައގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަށާއި، އެގޮތުން ސައިންސް ލެބަކާއި އޭވީ ރޫމް ފަދަ ތަންތަން އެމަޝްރޫޢުގެ ތެރެއިން ތަރައްޤީކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ މޫދަށް އޭރޭ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެރަށުގެ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ރައްޔިތުންނަށް ސިއްޙީ ޚިދުމަތްދޭން ރަށުގައި ޤައިމްވެ ހުންނަ އެތެރެހަށީގެ ޑޮކްޓަރެއް ލިބުން ވެގެންދާނީ ރަށުގެ ސިއްޙީ ކަންކަން ކުރިއެރުވުމަށް ވަރަށް މުހިއްމު ކަމަކަށް. މިއަންނަ އަހަރުގެ ތެރޭގައި ޤަސްދުކުރަން އުމްރާނީ ގޮތުން އިތުރު ކުރިއެރުންތައް ގެނެސްދީ އެކްސްރޭގެ ޚިދުމަތް ޤާއިމްކޮށްދިނުން ފަދަ ކަންކަން ކުރަން. އަންނަ އަހަރުގެ ބަޖެޓު ފާސްވެގެން އަންނައިރު އެކަން ހިމަނައިގެން ކުރިއަށްދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަނަންނަ އަހަރުގެ ތެރޭގައި ފޯކައިދޫގައި ހައުސިންގ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށާއި އަންނަ އަހަަރުގެ ބަޖެޓް ފާސްވުމާއެކު އެކަން ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާކަަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރު އުމްރާނީ ގޮތުންވެސް އިތުރު ކުރިއެރުންތައް އެރަށަށް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.