ށ. މިލަންދޫ ވޮލީބޯޅަ ކޯޓާއި ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މިލަންދޫ ވޮލީ ކޯޓަކީ މިދިޔަ ސަރުކާރުން މަސައްކަތް ފެށިނަމަވެސް ހުއްޓިފައިއި އޮތް މަސައްކަތެކެވެ. މިސަރުކާރުން އަލުން ފަށައިގެން ބަދަލުތަކަކާއިއެކު ތަރައްގީކޮށްފައިވާ ވޮލީ ކޯޓުގެ މަސައްކަތް ނިންމާފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. މިވޮލީ ކޯޓު ތަރައްޤީކޮށްފައިވަނީ ފެންސު ޖަހާ ދުވާލާއި ރޭގަނޑަށްވެސް ބޭނުންކުރެވޭގޮތަށް ލައިޓް ހަރުކޮށް އެންމެ ޒަމާނީ ފެންވަރަށެވެ.
މީގެ އިތުރުން މިލަންދޫ ފުޓްސަލް ދަނޑު ސަރުކާރުން ތަރައްޤީކޮށްފައިވަނީ ރޮސްޓްރަމާއި ޗޭންޖިންގ ރޫމަކާއި އޮފީހެއްގެ އިތުރުން ލައިވް ރޫމަކާ ރެފްރީންނަށް ޚާއްސަ ރޫމެއް ހިމެނޭ ގޮތަށެވެ.
މިލަންދޫއަކީ ފުޓްސަލްގައި މަޝްހޫރު ރަށެކެވެ. އެގޮތުން އެންމެފަހުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަތޮޅު ޗެމްޕިއަންކަން ހޯދީ މިލަންދޫއެވެ.