ޚަބަރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ބޭނުންކުރަން ފަށައިފި


  • އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާ އަންނަމަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުން

  • އައު ޓަރމިނަލުން އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމާ އަންނަމަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ނިންމާ، ބައު ޓަރމިނަލްގެ ޚިދުމަތްތައްވަނީ މިހާރު އައު ޓަރމިނަލަށް ބަދަލުކޮށްފައެވެ.

އޮރާޓާ ޕްރޮސެސްގެ ތެރެއިން މި މަސައްކަތްކޮށްފައިވާއިރު، ޚިދުމަތްތައް ބަދަލުކޮށް އެމްއޭސީއެލްއިން ވަނީ ފަސިންޖަރުންނާއި ފުރާ ފަސިންޖަރުންނަށް ޚިދުމަތްދީ ޓަރމިނަލްގެ އޮޕަރޭޝަން ޗެކްކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ވިދާޅުވީ، އައު ޓަރމިނަލްގެ އޮޕަރޭޝަންތައް ތަޖުރިބާކުރުމުގެ މަރުހަލާ ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކުގައިކަމަށެވެ.

އެމްއޭސީއެލްއިން ވިދާޅުވީ ޓަރމިނަލްގެ މަސައްކަތް ބަދަލުކޮށްފައިވަނީ، ސިވިލް އެވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް، ކޯޑް ސީގެ މަތިންދާ ބޯޓުތައް ޖެއްސުމަށްޓަކައި ރަންވޭއާއި އިންވެގެން ހުރި ކުރީގެ ޓަރމިނަލް އިމާރާތާއި އެސަރަޙައްދުގައި ހުރި އުސްތަންތަން ހުސްކުރަންޖެހޭކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުވުމަށްޓަކައި، ޓަރމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އައު ޓަރމިނަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި ބައިނަލްއަޤުވާމީ އަދި ސިވިލް އެވިއޭޝަންގެ މިންގަނޑުތަކަށް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް ފެއްތުމަށްވެސް އެމްއޭސީއެލްއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހަނިމާދޫ އިންޓްރނޭޝނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ ބޮއިން 737 އާއި އެއަރބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ފިޔަވާ އެއިރޯ ބްރިޖާއެކު ތަރައްޤީކުރަމުން އަންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެކެވެ. އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިމަޝްރޫޢަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.