މި މަހުގެ 22 އިން 31 އަށް ބަހްރެއިންގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ 17 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު މިއަދު ފުރައިފިއެވެ.
މިއީ ރާއްޖެއިން މި އުމުރުފުރާއިން އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ގާތްގަނޑަކަށް ދެތިންމަސްދުވަހުގެ ފަރިތަކުރުންތަކަށްފަހު ގައުމީ ޓީމު މިއަދު ފުރާފަވާއިރު މިމުބާރާތުން ލިބޭ ތަޖުރިބާއިން ކުރިއަށް ހުރި މުބާރާތްތަކުގައި ކާމިޔާބީ ހޯދުމަށް ބާރަކަށްވެގެންދާނެކަމަށް ގައުމީ ހޭންޑް ބޯޅަ ޓީމުގެ ކޯޗު ހުސައިން އައްޒާމް ބުނެފަވެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އައްޒާމް ބުނީ ފަރިތަކުރުންތައް ދިޔަ ގޮތާ ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ. މި މުބާރާތުގައި ވާދަކުރަނީ ކޮންމެހެން މެޑައްޔަކަށް އަމާޒުކޮށްގެން ނޫންކަމަށާ ބޭނުންވަނީ ބައިނަލްއަޤްވާމީ ޓީމުތަކާ ވާދަކޮށް މެޗު ތަޖުރިބާކަމަށެވެ. މިފަދަ ފުރުސަތުތަކަކީ އޭގެ ސަބަބުން ކުރިއަށް ހުރި މުބާރާތްތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުޅުވިގެންދާ ދޮރެއްކަމަށް އައްޒާމް ސިފަކުރިއެވެ.
މިއީ މުބާރާތުގައި 17 އަހަރުންދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު ބައިވެރިވާ ފުރަތަމަ ފަހަރުކަމަށާ، ދެން މުބާރާތުގައި ވާދަކުރަނީ މޮޅެތި ވަރުގަދަ ޓީމުތަކެއްކަމަށް އައްޒާމް ފާހަގަކުރިއެވެ.
"އަޅުގަނޑުމެން މިމުބާރާތުގަ މިޖެހެނީ އަނެއްހެން ބުނަންޏާ އޭޝިއާ އެންމެ ޓޮޕް ޓީމުތަކާ. އެހެންވީމަ މި އޭޖް ގްރޫޕްގަ ހާއްސަކޮށް އޭޝިއަން ލެވެލްގަ ވަރަށް އައު ޓީމު. އެހެންވީމަ މި ޕްލެޔަރސްއަށް ވީހާވެސް ރަނގަޅު ތަޖުރިބާއަކާ އެކީގަ އަޅުގަނޑުމެންގެ ޓާގެޓަކީ އޭޝިއަން ލެވެލްގަ ކޮމްޕީޓުކުރުން މި ޓީމުތަކާ. މިމުބާރާތުން އަޅުގަނޑު ގަބޫލުކުރަނީ ވަރަށް ރަނގަޅު ތަޖުރިބާއަކާ އެކީގަ ކުރިއަށް ހުރި މުބާރާތްތަކުގަ ކޮމްޕީޓް ކުރެވޭނެކަމަށް" 17 އަހަރުންދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމުގެ ކޯޗު ބުންޏެވެ.
17 އަހަރުންދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމުގެ ބައިވެރިއެއްކަމަށްވާ ޔޫސުފް މައިޝް މުސްޠަފާ ބުނީ މިފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވާކަމަށެވެ. މިމުބާރާތަށް ތައްޔާރުވުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަމަށާ މިފަދަ މުބާރާތެއްގައި ވާދަކޮށްލަން ލިބުމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއްކަމަށް އޭނާ ބުންޏެވެ. އަދި މުބާރާތުގެ ތަޖުރިބާއިން ކަންކަން ދަސްވާނެކަމަށާ އުންމީދަކީ ދުވަހަކަށްވުރެ ދުވަހެއް ކުޅުމުގެ ފެންވަރު މަތިވުންކަމަށް ޒުވާން ކުޅުންތެރިޔާ ބުންޏެވެ.
”ވަރަށް ބޮޑު އެކްސްޕީރިއަންސަކަށްވާނެ އެހާ ބޮޑެތި ޓީމުތަކާ އެއްކޮށް އޭޝިއާގެ އެންމެ ބެސްޓު ޓީމުތަކާ އެކީ ކުޅެން ލިބޭތީ. ވަރަށް ބައިވަރު ކަންތައްތައް ދަސްވާނެ. އެހެންވީމަ އެއެއްޗިހި ދަސްކޮށްގެން ދެން ނެކްސްޓް ލެވެލްއަށްދާން އަބަދުވެސް ވަރަށް މަސައްކަތް ކުރާނަން" މައިޝް ބުންޏެވެ.
މައިޝް އެކޭ އެއްގޮތަށް ލަހްފާން އަހުމަދު ޝަހީމްވެސް ބުނީ މިއީ ރަނގަޅު ތަޖުރިބާއަކަށްވާނެކަމަށެވެ. މިތަޖުރިބާގެ ބޭނުން ހިފާ ގިނަ ކަންތައްތަކެއް ދަސްވާނެކަމަށް ގަބޫލުކުރާކަމަށާ މިއީ މުސްތަގުބަލަށް ޓީމު ބިނާވެގެން ދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަޖުރިބާއަކަށްވާނެކަމަށް އޭނާ ދެކޭކަމަށް ގައުމީ ހޭންޑް ބޯޅަ ޓީމުގެ އުންމީދީ ކުޅުންތެރިޔާ ބުންޏެވެ.
"ބައިނަލްއަގްވާމީ މުބާރާތެއްގައި މި އޭޖް ގްރޫޕް އަދި އަލަށް ބައިވެރިވާ މުބާރާތެއް. އެކޮޅަށް ގޮސްފަ ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް މި އުންމީދުކުރަނީ. ދެން ކޮންމެއަކަސް ވަރުގަދަ ޓީމުތަކަކާ ކުޅެ، އިތުރު އެކްސްޕީރިއަންސް ލިބި، ކުރިއަށް އޮތްތާނގަ ރަނގަޅު ކުރެވޭނެ. އެހެންވީމަ ވަރަށް އުފާވޭ މިކަހަލަ އޮޕޮޗިއުނިޓީއެއް ލިބުނީމަ" ލަހްފާން ބުންޏެވެ.
މިމުބާރަތުގައި މުޅިން އަލަށް މި ޓީމު ބައިވެރިވިކަމަށްވިޔަސް މިކުޅުންތެރިންވަނީ ޖޯޑަންގައި ކުރިއަށްދިޔަ 17 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށްފައެވެ. އެހެންކަމުން މިއީ މުސްތަގުބަލަށް ތައްޔާރުކުރަމުން އަންނަ އުންމީދީ ޓީމެއްކަމަށް އައްޒާމް ފާހަގަކުރިއެވެ. އޭނާ ބުނީ އުންމީދަކީ ކުރިއަށް އޮތްތަނުގައި މިޓީމު ވަރުގަދަކޮށް، އަންނަ އަހަރު އޮންނަ އައިއެޗްއެފް ޓްރޮފީގައި ބައިވެރިވެ ރާއްޖެއަށް ރަން މެޑަލް ގެނެސްދިނުންކަމަށެވެ.
"އަޅުގަނޑުމެން އެންމެ ފަހުން މިދިޔައީ ޖޯޑަންގައި އޮތް އަންޑަރ 17 ޗެމްޕިއަންޝިޕަސް. ދެން އޭގެ ތެރެއިންވެސް މެޖޯރިޓީ ވަރަށް ގިނަކުދިން މިމުބާރާތަށްވެސް އެބަދޭ. މިމުބާރަތުގަ އަޅުގަނޑުމެންގެ ޓާގެޓަކީ އަންނަ އަހަރު އޮންނަ އައިއެޗްއެފް ޓްރޮފީގަ ހަމަ ގޯލްޑަށް އަޅުގަނޑުމެން ފައިޓްކުރުން" އައްޒާމް ބުންޏެވެ.
ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި 17 އަހަރުންދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު ވާދަކުރަންޖެހޭ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ހޮންގކޮންގ އަދި ބަހްރައިން ފަދަ ވަރުގަދަ ގައުމުތައް ހިމެނެއެވެ. ނުވަ ދުވަހުގެ މުއްދަތަށް މިމުބާރާތް ކުރިއަށްދާއިރު، މިމުބާރަތުގައި 45 ގައުމަކުން 8 ހާހަށްވުރެ ގިނަ އެތުލީޓުން ތަފާތު ކުޅިވަރުތަކުގައި ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.