މި ދެ އަހަރު ދުވަހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެށިގެން ކުރިއަށްދާނެ ދެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެ ތަސައްވުރާ އެއްގޮތަށް މިއަދު ފެނިގެންދަނީ އެކި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ފެށިގެން ކުރިއަށްދާ މަންޒަރެވެ. ރައީސުލްޖުމްހޫރިއްޔާ ނިމުނު ހަފުތާގައި މިލަންދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައިވެސް ރައްޔިތުންނަށް އުއްމީދު ގެނުވައިދޭ އެތައް މަޝްރޫއެއް ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިލަންދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އާބާދީގެ ކުޑަބޮޑުމިނަކަށް ބެލުމެއް ނެތި ކޮންމެ ރަށަކަށްވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މި ދަތުރުފުޅުގައިވެސް ފެނިގެންދިޔައީ ގިނަ މަޝްރޫއުތަކެއް މަސައްކަތް ފެށި މަންޒެރެވެ.
އެގޮތުން، މަސްވެރިކަން ތަރައްޤީކުރުމަށް، މި ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރެއްވި ފުރަތަމަ އައިސް ޕްލާންޓްގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ށ. ފުނަދޫގައި ރަސްމީކޮށް ވަނީ ފައްޓަވައިދެއްދެއްވާފައެވެ. އަދި އެއަތޮޅުގެ ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތްވެސް މި ދަތުރުފުޅުގެ ތެރެއިން ވަނީ ހަވާލުކުރައްވާފައެވެ.
އެކި ދާއިރާތަކުން ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ ތެރެއިން ށ. އަތޮޅުގެ 3 ރަށެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓު މަޝްރޫއުތަކާ ގުޅޭ މަސައްކަތްތައްވެސް ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ފައްޓަވާފައެވެ.
އެގޮތުން، ބިލެތްފަހީގެ އެއަރޕޯޓާއި މިލަންދޫ އެއަރޕޯޓު އަދި ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތްތައް 30 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި ތިން އެއަރޕޯޓުވެސް ތަރައްގީ ކުރުމާއި އޮޕަރޭޓް ކުރުމަށް ސަރުކާރުން ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލް އާއެވެ.
"މިއީ ވަރަށް ޔަޤީންކަމާއެކު ސަރުކާރުން ދޭ ޔަޤީންކަމެއް. މިދިނީ އެންމެ ގިނަވެގެންވެސް އެ މަސައްކަތް ނިންމާނެ ތާރީޚުތައް. މި އަތޮޅުގައި އިތުރު 3 އެއަޕޯޓެއްގެ މަސައްކަތް މި ފަށަނީ. ޕްލޭންކޮށްގެން މި މަސައްކަތްތައް ކުރިއަށްގެންދަނީ. އެކަންކަން ތަންފިޒުވާނެގޮތަށް މަސައްކަތްތައް މިކުރަނީ" ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެއަރޕޯޓު ހެދުމާއި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައްވެސް ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ފަށައިފައެވެ. މި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމެވުމަށް އިތުރު ޑްރެޖަރުތަކެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަން ރައީސް އިއުލާންކުރެއްވީވެސް މި ދަތުރުފުޅުގައެވެ.
އެގޮތުން، މި މަހުގެ ފަހުކޮޅު 11000 ޓަނުގެ ޑްރެޖަރެއް ގެނައުމަށް ހަމަޖެހިފައިވާއިރު އަންނަ މަހު 45،000 ޓަނުގެ ހޮޕަރ ޑްރެޖަރެއް އަދި ޑިސެމްބަރު މަހު އިތުރު ޑްރެޖަރެއް ގެނެސް ބިންހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"މިޑްރެޖަރުން ފުރަތަމަ ހިއްކާނީ ހއ. ދިއްދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް. ދެހަފްތާ ނުވަތަ ގިނަވެގެން 3 ހަފްތާ ތެރޭގައި އެމަސައްކަތް ނިމޭނެ. ނިމޭގޮތަށް ށ. އަތޮޅަށް އަންނާނީ. ފަހަރަކު ރަށެއްގައި މިހާރު ހިއްކަން ހުރި ބިން ހިއްކުމުގެ މަސައްކަތްކުރާނެ. ދެންދާނީ މާލެ އަތޮޅުގައި ހަވާލުކޮށްފައި ހުރި މަސައްކަތްކުރަން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ކަނޑިތީމުގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރުމަށް ބިންގާ އަޅުއްވައި ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ. އަދި އެކި ދާއިރާތަކުން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ އެކި ކުންފުނިތަކާއި މުއައްސަސާތަކާ ވަނީ ހަވާލުކުރައްވާފައެވެ.
އަންނަ އަހަރުގެ ބަޖެޓު ރާވާފައިވާ ގޮތާއި ރާއްޖޭގެ އިގްތިސާދަށްވެސް މި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިޔަން ރުފިޔާ ސިއްހީ ދާއިރާއަށް އަދި 500 މިލިޔަން ރުފިޔާ ތަޢުލީމީ ދާއިރާއަށް ކަނޑައަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ ޒަމާނީ މާލީ މުއާމަލާތްތައް ކުރެވޭ ޕްލެޓްފޯމްތައް، ރާއްޖެއަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރާއްޖޭގެ އިގްތިސާދަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ރާއްޖޭން ދަރަނި ދެއްކުމުގައިވެސް މިހާރު އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އަދި ބޭރުގެ ދަރަނީގެ އިތުރުން، ނިމިދިޔަ ސަރުކާރުގައި ދިވެހި އެކި ކުންފުނިތަކަށް ދައްކަންޖެހިފައި ހުރި ފައިސާ ހަފުތާއެއްގެ ތެރޭގައި ދައްކައި ނިމޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށްވެސް އިރާދަކުރެއްވިއްޔާ މިދަނީ ކާމިޔާބީތައް ހޯދަމުން. އެއްގޮތަަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ކަންބޮޑުވުންއޮތްކަމެއް ނޫން މިއަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމުގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި. އެއްވެސް ކަމެއްގަ އެއްވެސް ދައްޗެއް ނެތް. އަޅުގަނޑުމެންގެ ޕްލޭނާއި އެއްގޮތަށް ހުރިހާ ކަމެއްވެސް ތަރުތީބުވެފައި ހުރީ." ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން، އުތުރުގެ ގިނަ ރަށްތަކެއްގައި ހުއްޓިފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް އަލުން ފެށޭނެ އިންތިޒާމުތައް ކުރައްވަމުންގެންދަވާކަމުގައިވެސް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އެ އަތޮޅުގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ޙަވާލުވިއިރު އެކި ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަވަސްކޮށްދެއްވައި، މި ސަރުކާރުން ހިންގާ މަޝްރޫޢުތައްވެސް ނުހުއްޓި ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށްރަށުގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން ށ. އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.