ޚަބަރު

އިންޑިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތަށް


  • އިންޑިއާއިން 99،379 ފަތުރުވެރިން އައިފައިވޭ

  • މިއީ %4.2 އިތުރު އަދަދެއް

  • މިދިޔަ އަހަރު މުއްދަތުގައި އައިސްފައިވަނީ 95،326 ފަތުރުވެރިން

އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތްކޮށްފިއެވެ. އިންޑިއާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 99،379 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި 95،326 ފަތުރުވެރިންނާ އަޅާ ބަލާއިރު 4.2% އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިފަހުން އެންމެ ގިނަ އަދަދަކަށް އިންޑިއާއިން ފަތުރުވެރިން އައިސްފައިވަނީ 2023ވަނަ އަހަރުއެވެ. އެގޮތުން އެއަހަރު އެޤައުމުން 209،193 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %9.9 އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ގައުމަކީ:

* ޗައިނާ: 282،682 ފަތުރުވެރިން
* ރަޝިއާ: 211،263 ފަތުރުވެރިން
* އިނގިރޭސިވިލާތް: 151،217 ފަތުރުވެރިން
* ޖަރުމަނުވިލާތް: 124،777ފަތުރުވެރިން
* އިޓަލީވިލާތް: 155،832 ފަތުރުވެރިން

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 5 ލައްކަ ފަތުރުވެރިންނެވެ.