އާސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތެއް އިތުރުކޮށް، އެތަކެތި އެސްޓީއޯއިން މިހާރު ވަނީ ބާޒާރަށް ނެރެފައެވެ. ސަރުކާރުގެ މި ނިންމުމަކީ ކުދި ވިޔަފާރިތަކާ ވާދަކުރުން ނޫންކަމަށާއި، މިއީ އަގުތައް އިންތިހާއަށް އުފުލުނަނުދީ އަސާސީ ކާބޯތަކެތީގެ ދަތިކަން އަޔަނުދީ ބަޒާރުގެ އަގުތައް ހިފެހެއްޓުމަށް އެޅި ފިޔަވަޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
1948 ވަނަ އަހަރު، އޭރުގެ ނަމުންނަމަ އަތިރި މާފަންނު ޓްރޭޑިން ހުޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ކަށަވަރުކުރުމަށް އަސާސީ ކާބޯތަކެތީގެ ގޮތުގައި 3 ބާވަތެއް ކަނޑައަޅައި، އެ ބާވަތްތައް މެދުކެނޑުމެެއްނެތި ރާއްޖެއަށް އެތެރެކޮށް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމަށެވެ. އެގޮތުން މިހާރުގެ ގޮތުންނަމަ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އުފައްދާ 57 އަހަރު ވެގެންދިޔައިރު، ރާއްޖޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި އެތެރެކުރަމުންދާ ހަމައެކަނި 3 ބާވަތަކީ ހަނޑު، ހަކުރު ފުށެވެ. މިކަން އެސްޓީއޯއިން ދެމެހެއްޓެނިވިގޮތުގައި، އެއްވެސް ދަތިކަމެއް ނައިސް މުޅި ރާއްޖެއަށް ދަނީ ކަށަވަރުކޮށްދެމުންނެވެ.
އޭގެފަހުން އަސާސީ ކާބޯތަކެތީގެ ތެރެއަށް އިތުރު ބާވަތްތަކެއް ފުރަތަމަ ފަހަރަށް ސަރުކާރުން އިތުރުކޮށް، އިއުލާނުކުރީ މިދިޔަ މަހު 14ވަނަ ދުވަހުއެވެ. އެއީ 10 ބާވަތުގެ މޭވައާއި 10 ބާވަތުގެ ތަރުކާރީ އަދި އިތުރު 3 ބާވަތެކެވެ. ސަރުކާރުގެ ވަޢުދާ އެއްގޮތަށް ބާވަތްތައް ކަނޑައަޅާ، އޭގެ 1 މަސް ފަހުން، މިހާރު މިވަނީ މި ބާވަތްތައް ބާޒާރުގައި ވިއްކަން ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަކީ މިއީ ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް، ދެމެހެއްޓެނިވިގޮތުގައި އަގުހެޔޮކޮށް އާއްމުކޮށް ކާން ބޭނުންކުރާ ބާވަތްތައް ލިބޭކަން ޔަގީންކޮށްދެއްވުމެވެ.
ކޮންމެ އަހަރަކުވެސް އެކި ދުވަސްވަރު، އަދި ޚާއްސަކޮށް ރަމަޟާންމަހަށްވެސް އާއްމުކޮށް ކެއިންބުއިމަށް ބޭނުންވާ ބާވަތްތައް ލިބުން ދަތިވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި އޭގެ ތަކުލީފާ ދަތިކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެވެގެންދެއެވެ. އަދި ސަރުކާރުން އޭގެތެރެއަށް ވަދެ، އެސްްޓިއޯ މެދުވެރިކޮށް ރައްޔިތުންނަށް ޙައްލުތަކެއް ހޯދައިދޭން ޖެހެއެއެވެ.
ނަމަވެސް އެސްޓީއޯއާއެކު މި ފެށި މަސައްކަތުން، ބާޒާރުން މި ބާވަތްތައް ދެމެހެއްޓެނިވިގޮތުގައި ހުރެމެ އަދި އަގުތައް ބާޒަރުގެ އާއްމު އަގަށްވުރެ މައްޗަށް އަރައިގެން ނުދާނެކަން ކަށަވަރުކުރާނެއެވެ. މީގެތެރޭގައި ހިމެނެނީ ހަމައެކަނި ބޭރުން އެތެރެކުރާ މުދަލެއް ނޫންނެވެ. ރާއްޖޭގައި މިއިން ބާވަތްތަކުގެ ދަނޑުވެރިކަން ކުރާ ދަނޑުވެރިންގެ އަތުން އެތަކެތި ގަތުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
އެގޮތުން މިހާރު ބާޒާރަށް ނެރެފަވާ ބާވަތްތަކުގައިވެސް ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ޕެޝަން ފުރުޓާއި ޑްރެގަން ފްރުތްވެސް ހިމެނެއެވެ. އަދި ކަނޑޫދޫ މިރުސްފަދަ ބާވަތްތައް ހިމެނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ކުދި ވިޔަފާރިޔަކަށް ގެއްލުން ނުވާނެކަމުގެ ޔަގީންކަން ސަރުކާރުން އަދި އެސްޓީއޯއިންވެސް ދެއްވައެވެ. އެސްޓީއޯއިން މި ތަކެތި މިވަގުތު ވިއްކަމުންދަނީ ރީޓެއިލްކޮށް، އެސްޓީެޯ ޕީޕަލްސް ޗޮއިސްގައެވެ.
ސަރުކާރުގެ މި ނިންމުމުގެ ސަބަަބުން ލިބޭ އެންމެ ބޮޑު ޔަގީންކަމަކީ، ސަޕްލައި ދައްވާ ކޮންމެ ފަހަރަކު، ނަހަމަ ގޮތުގައި އަގުތައް އިންތިހާއަށް އުފުލާ އުފުލުން ކޮންޓްރޯލްވެގެންދިއުމެވެ. އެއްވެސް ވަރަކަަށް ބާޒަރުގެ ކޮންޓްރޯލް ނަގާ ނުވަތަ ކުދި ވިޔަފަރީގެތެރެއަށް ވަދެ ވާދަވެރިކަމެއް އުފެއްދުމެއްވެސް ނޫނެވެ. ރައްކާތެރިގޮތުގައި، ކަށަވަރުކަންމަތީ ހެޔޮ އަގުގައި ރައްޔިތުމީހާއަށް ކާބޯތަކެތި ލިބޭކަން ކަށަވަރުކުރުމެވެ.
އަސާސީ ކަބޯތަކެތިގެ ގޮތުގައި އިތުރު ބާވަތްތަކެއް ކަނޑައަޅާފަވަނީ އެކަމަށް ދިރާސައެއްކުރެވިގެންނެވެ. އަދި މިހާރުވެސް މި ތަކެތި ބާޒާރަށް ނެރުމަށްފަހުގައިވެސް ބަޒާރުގެ އަގުތަކަށް އަންނަ ބަދަލުތައް ދިރާސާކުރާނެއެވެ.
އެސްޓީއޯއިންދަނީ މި ބާވަތްތައް ރަށްރަށަށް ސަޕްލައި ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ބާޒާރުމަތީ ސަރަޙައްދުގައި ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ހުޅުމަލެއާއި އަތޮޅުތަކުގައި ހުރި އެސްޓީއޯގެ ފިހަރަތަކުންވެސް ފަސޭހައިން ލިބޭނެ ގޮތް ކުރިމަގުގައި ހަމަޖެހިގެންދާނެއެވެ.