ޚަބަރު

އައްޑޫގައި ކުރިއަށްގެންދާ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމުގެ ޙައްޤު 9576 މީހަކަށް


  • ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ވަނީ ހަމަވެފައި

  • ވޯޓުފޮށިތައް ބަހައްޓާނީ ފޭދޫ އާއި މީދޫ އާއި ހުޅުދޫގެ އިތުރުން މާލޭގައި

އައްޑޫސިޓީ ކައުންސިލް އެކުލެވިގެންވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ފޭދޫ އާއި މީދޫ އަދި ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި 9000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާއަށްފަހު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ މައުލޫމާތުތައް ދައްކާގޮތުގައި މުޅި ޖުމްލަ 9576 މީހަކަށް މި ވޯޓުގައި ވޯޓުލުމުގެ ޙައްގު ލިބެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާގޮތުގައި އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ވޯޓު ދިނުމުގެ ޙައްގު 4355 މީހުންނަށް ލިބެއެވެ. އަދި މީދޫގެ 2347 މީހަކަށް ވޯޓުދިނުމުގެ ޙައްގު ލިބޭއިރު ހުޅުދޫގެ 2874 މީހަކަށް ވޯޓުދިނުމުގެ ޙައްގު ލިބެއެވެ.

މި ވޯޓުގައި ކޮންމެ ރަށަކަށްވެސް ވަކި ސުވާލެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ހުށަހަޅުއްވާފައެވެ. އެއީ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ވަކި ކައުންސިލެއް އޮންނަން ފެނޭތޯއެވެ. މި ޚިޔާލު ހޯދުމުގެ ވޯޓު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޯޓުގައި ވޯޓުފޮށިތައް ބަހައްޓާނީ ފޭދޫ އާއި މީދޫ އާއި ހުޅުދޫގެ އިތުރުން މާލޭގައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާގޮތުގައި މިދިޔަ ހަފުތާގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ރީ-ރަޖިސްޓްރީ ކުރީ 255 މީހެކެވެ.

މި ވޯޓުގައި ކޮންމެ މީހަކުވެސް ވޯޓުލުމަށް ރަޖިސްޓްރީވެފައި އޮންނާނީ އެމީހަކު މިދިޔަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ރަޖިސްޓްރީކޮށްފައިވާ ތަނަކަށެވެ. ހުޅުމާލެ އާއި ވިލިމާލެއަށް ރަޖިސްޓްރީ ކުރި މީހުންގެ ރަޖިސްޓްރީ، ރީ-ރަޖިސްޓަރ ނުކުރާނަމަ އޮންނާނީ މާލޭގައި ބަހައްޓާ ވޯޓުފޮއްޓަށެވެ. އަދި އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ތިބި މީހުން ރީ-ރަޖިސްޓްރީ ނުކުރާހިނދަކު އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށަކަށް ރަޖިސްޓްރީ ބަދަލުވެފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.