މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގަކީ ވާދަވެރި ލީގެއް ކަމަށާއި، އެއްވަނައަށް އެރުމަށް ގިނަ ޓީމުތަކެއް ވާދަކުރަމުންދާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ތަޖުރިބާކާރު ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހެނާންޑޭޒް ބުނީ މި ފަހަރުގެ ލީގު ވާދަވެރިވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. މިހާތަނަށް ގައުމީ ފުޓްބޯޅަ ދަނޑުން ފެނުނު މެޗުތަކުގެ ފެންވަރު ރަނގަޅުކަން އޭނާ ފާހަގަކުރިއެވެ. އަދި މާޒިޔާ އެކޭ އެއްގޮތަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުޅުންވެސް ވަރަށް ރަނގަޅު ކަމަށާއި، ބުރު ސްޕޯޓްސް ކުލަބު އަދި ކުލަބު އީގަލްސް ފަދަ ޓީމުތަކަކީވެސް އަރަމުން އަންނަ މޮޅެތި ޓީމުތަކެއް ކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް ގަބޫލުކުރެވެނީ ލީގު ވާދަވެރިވާނެ ކަމަށް. ނިމުނު މެޗުތަކަށް ބަލާއިރު ނިއު ރޭޑިއަންޓާއި މާޒިޔާ މިއޮތީ ވަރަށް ރަނގަޅު ހާލަތެއްގައި. އެހެންނަމަވެސް ބުރު ސްޕޯޓްސް، އީގަލްސް އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކުޅުންވެސް ރަނގަޅު. ވެލެންސިއާވެސް މި ވަނީ މެޗެއް ކާމިޔާބުކޮށްފައި. އެހެންވީމަ އަހަންނަށް ހީވަނީ ލީގުގެ އެއްވަނައަށް ހަތަރު ފަސް ޓީމެއް ވާދަކުރާނެހެން" ހެނާންޑޭޒް ބުންޏެވެ.
ހެނާންޑޭޒް ބުނީ ކުރިއަށް ހުރި މެޗުތަކުގައި ޓީމުތަކުން ކުޅުން ރަނގަޅުކުރާނެ ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން ދުރާލާ ވަކި ގޮތެއް ނުނިންމާ ޓީމުތަކުން ނެރޭނެ ނަތީޖާތަކަށް އިންތިޒާރުކުރުމަށް މާޒިޔާގެ ކޯޗު ބުނެފައިވެއެވެ. ހެނާންޑޭޒް ބުނީ ބްރޭކަށްފަހު ދެން ކުރިއަށް ހުރި މެޗުތަކުގައި ޕޮއިންޓް ތާވަލަށް ބަދަލު އަންނާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތް ކަމަށެވެ.
މާޒިޔާގެ ކޯޗު ބުނީ އެ ޓީމުގެ އަބަދުވެސް އަމާޒަކީ ގަދައަޅާ މަސައްކަތްކޮށް، މެޗުތައް ކާމިޔާބުކޮށް، ޒުވާން އައު ކުޅުންތެރިން އުފެއްދުން ކަމަށެވެ. އަދި ލީގުގެ އެއްވަނަ ހޯދުމަށް ކޮންމެ ކުޅުންތެރިއަކުވެސް މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ބުންޏެވެ.
"އަބަދުވެސް މާޒިޔާގެ ފޯކަސް މި ބަހައްޓަނީ ވާދަކޮށް، މެޗުތައް ކާމިޔާބުކޮށް، ޒުވާން އައު ކުޅުންތެރިން އުފެއްދުމަށް" ހެނާންޑޭޒް ބުނެފަވެއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފޯރިގަދަކޮށް ސަޕޯޓަރުން އިތުރުކުރުމުގެ މަސައްކަތް އެކި ޓީމުތަކުން ފަށާފަވާއިރު، ހެނާންޑޭޒް ބުނީ ގައުމީ ޓީމަށް ހިތްވަރުދިނުމަށް ދިވެހިން ދެއްކި ފޯރިއާ މެދު އުފާވާ ކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމަށް ސަޕޯޓުކުރަން ނުކުތް އާންމުންގެ ސަޕޯޓު ޓީމުތަކަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރާކަމަށެވެ. އެހެންނަމަވެސް ފުޓްބޯޅައިގެ ފޯރި އަލުން ގެންނަން ބޭނުންވާނަމަ އެއްދުވަސްވަރެއްގައި ތަފާތު މުބާރާތްތައް ނުބޭއްވުމަށް އޭނާ ވަނީ އެދިފައެވެ. މިދުވަސްވަރަކަކީ ފުޓްސަލް މުބާރާތެއްވެސް ކުރިއަށްދާ ދުވަސްވަރަކަށްވުމުން މިފަދަ މުބާރާތްތައް އެއްދުވަސްވަރެއްގައި ނުހިނގާނެ ގޮތަކަށް ކަންކަން އިންތިޒާމުވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ލީގުގަ މާޒިޔާއިން މިރޭ ނުކުންނާނީ ޔޫވީއާ ދެކޮޅަށެވެ.