ޚަބަރު

އުއްމީދަކީ ކާވާ ކަޕުގެ ފައިނަލުގައި ރާއްޖޭގެ ޓީމު ކުޅުން: ލަޠީފް


  • ވޮލީގެ ބައިނަލްއަގްވާމީ ތިން މުބާރާތެއްގަ ރާއްޖެއިން ވާދަކުރުމަށް އަންނަނީ ތައްޔާރުވަމުން

  • ކާވާ މެންސް ނޭޝަން ކަޕުގައި ރާއްޖެއިން މިމަހުގެ 22 ވަނަ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނެ

  • "އުންމީދަކީ ފައިނަލުގެ ކުޅުން"

މިމަހުގެ 22 އިން 28 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ މެންސް ނޭޝަން ކަޕުގެ ފައިނަލުގައި ރާއްޖޭގެ ގައުމީ ވޮލޯ ޓީމުން ވާދަކުރާނެކަމަށް އުންމީދުކުރާކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ތިން މުބާރާތެއްގައި ބައިވެރިވާ ގައުމީ ވޮލީބޯޅަ ޓީމުތައް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ ކާވާ މެންސް ނޭޝަން ކަޕަށް ސީނިއާ ގައުމީ ވޮލީ ޓީމުންވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަކަމަށެވެ. އަދި އެމުބާރާތުގައި ވާދަކޮށް ފައިނަލުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް އޭނާވަނީ ހާމަކުރައްވާފައެވެ.

"އެންމެ އަވަހަށް މިއޮތީ ކާވާ ކަޕު ބަންގްލަދޭޝްގަ. އަޅުގަނޑުމެންގެ ސީނިއާ ޓީމު އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ތައްޔާރުވެފަ މިވަނީ. މިހާރު އަޅުގަނޑުމެންގެ ޓީމު ތައިލެންޑަށް ދިއުމަށްފަހު ޓްރެއިނިންގ ކޭމްޕު ނިންމުމަށްފަހު އިއްޔެގަ މާލެ އައީ" ލަތީފް ވިދާޅުވިއެވެ.

ކާވާ މެންސް ނޭޝަން ކަޕަށްފަހު މިއަންނަ ނޮވެމްބަރުމަހުގެ 3އިން 10 އަށް ސްރީލަންކާގައި ބާއްވަން ތާވަލުކޮށްފައިވާ 19 އަހަރުންދަށުގެ ކާވާ ވިމެންސް ޗެމްޕިއަންޝިޕުގައިވެސް ރާއްޖޭގެ 19 އަހަރުންދަށުގެ ގައުމީ ވޮލީ ޓީމުން އަންނަނީ ވާދަކުރުމަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް މުބާރާތަށް އެކުޅުންތެރިންވެސް ތައްޔާރުވެފަވާކަމަށާ، އެމުބާރާތުން ރާއްޖޭގެ އެތުލީޓުންނަށް ރަނގަޅު ތަޖުރިބާއެއް ލިބގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަންޑަރ 19 ޓީމު މިވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ. އިރާދަކުރެއްވިއްޔާ އެމުބާރާތުގަވެސް އަޅުގަނޑުމެން ވަރަށް މަސައްކަތްކުރާނަން އެކުދިންނަށް ރަނގަޅު ތަޖުރިބާއެއް ހޯދަދެވޭތޯ. އެމުބާރާތުން މޮޅު ނުވޭދާނެ. އެހެންނަމަވެސް އެކުދިންނަކީ މާދަމާގެ މުސްތަގުބަލު" ލަތީފް ވިދާޅުވެފަވެއެވެ.

2026 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ގޭމްސްގައިވެސް ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ފިރިހެން ޓީމު ވާދަކުރާނެއެވެ. މިމުބާރާތަށް ވަރަށް ޒުވާން ސްކޮޑެއް ތައްޔާރުކުރަމުން އަންނަކަމަށް ހާމަކުރައްވަމުން ލަތީފް ވިދާޅުވީ އެމުބާރަތުންވެސް އެންމެ ދަށްވެގެން ރިހި މެޑައްޔެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 18 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ ކަޕް ފޯރ ވިމެންސްގެ ވޮލީ މުބާރާތާ ރާއްޖޭގެ އަންހެން ވޮލީ ޓީމުން ތައްޔާރުވަނީ ތަށި ހިއްލާލުމުގެ އަޒުމުގައިކަމަށް ލަތީފް ވިދާޅުވިއެވެ.

"ދެން އޮތީ އަޅުގަނޑުމެންގެ ސީނިއާ އަންހެން ޓީމު، މިދިޔަ އަހަރުވެސް އިރާދަކުރެއްވިއްޔާ މާލޭގަ ބޭއްވުނު ކާވާ ޗެލެންޖު ކަޕުގައި އަޅުގަނޑުމެން ފައިނަލުގަ ފަސް ސެޓު ކުޅެގެން ބަލިވީ. އެހެންވީމަ އެމުބާރާތުގަ އަޅުގަނޑުމެންގެ އަންހެން ޓީމު މަސައްކަތް މިކުރަނީ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއަށް ތަށި ގެނެވޭތޯ" ލަތީފް ވިފާޅުވެފަވެއެވެ.

ބަންގްލަދޭޝްގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކާވާ މެންސް ނޭޝަން ކަޕުގައި ހަ ގައުމަކުން ވާދަކުރެއެވެ. ރާއްޖެއިން މިމުބާރާތުގައި ކުޅޭ ފުރަތަމަ މެޗު ތާވަލުކޮށްފަވަނީ މިމަހުގެ 22 ވަނަ ދުވަހަށެވެ. އެދުވަހު ގައުމީ ވޮލީ ޓީމުން ނުކުންނާނީ މުބާރާތް ބާއްވާ ގައުމުކަމަށްވާ ބަންގްލަދޭޝްއާ ދެކޮޅަށެވެ.