ޚަބަރު

ފަހު ވަގުތު އޭސީ މިލާން މޮޅުވެ އެއްވަނައަށް


އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.

އޭސީ މިލާނުން މި މެޗު ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ނާޕޮލީ އަށްވެސް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު އިންޓަރ މިލާނަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަ ވަނަ މިނިޓުގައި ފިއޮރެންޓީނާގެ ރޮބިން ގޮސެންސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ އަށް މިނިޓު ފަހުން ޕަވްލޮވިޗް ދިން ޕާހަކުން ރަފައެލް ލިއާއޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން އޭސީ މިލާން މޮޅުވި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ރަފައެލް ލިއާއޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.