ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެކި ވަރުގެ ގެއްލުން ލިބިގެން މިހާތަނަށް 14 ރަށަކުން ރިޕޯޓުކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންޑީއެމްއޭއިން ވިދާޅުވީ، ވިއްސާރާގައި އެކި ވަރުގެ ގެއްލުން ލިބިގެން 14 ރަށަކުން ރިޕޯޓުކުރިއިރު، ދިރިއުޅެން ދަތިވާ މިންވަރަށް ގެއްލުން ލިބިގެން ގެއަކުން މީހުން ބަދަލުކުރަން ޖެހުނީ ކުޅުދުއްފުށިން އެކަނި ކަމަށެވެ. އެ ރަށުގެ ގެއަކަށް ގެއްލުން ލިބިގެން 1 ދުވަހަށް އެހެން ގެއަށް މީހުން ބަދަލުކުރިކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
• ގދ. މަޑަވެލި
• ގދ. ހޯނޑެއްދޫ
• ގދ. ނަޑެއްލާ
• ގދ. ރަތަފަންދޫ
• ގދ. ފަރެސްމާތޮޑާ
• ގއ. މާމެންދޫ
• ލ. މާވަށް
• ހދ. ނޮޅިވަރަންފަރު
• ކުޅުދުއްފުށި ސިޓީ
• ސ. މަރަދޫ
• ރ. ފައިނު
• މ. ދިއްގަރު
• މ. މަޑުއްވަރީ
• ފުވައްމުލައް ސިޓީ
އެންޑީއެމްއޭއިން ވިދާޅުވީ ވިއްސާރާގައި ހދ. ނޭކުރެންދޫގެ ބޯޓަކަށް ގެއްލުން ލިބިގެން ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ރަށްރަށަށް ލިބިފައިވާ ގެއްލުންތަައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން މިހާރު ކުރައްވަމުން ގެންދަވާކަމަށް ވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުފަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކުރައްވައެވެ.