އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އަތޮޅުތަކަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ ޚިދުމަތަށް އެންމެ ފަހުން ގެނައި އެންމެ ބޮޑު ބަދަލަކީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރުމާ ގުޅިގެން، އެތަކެތި ބަޒާރަށްނެރެ ވިއްކުމުގެ މަސައްކަތެކެވެ. މިގެތެރޭގައި ހިމެނޭ މޭވާގެ 10 ބާވަތާއި ތަރުކާރީގެ 10 ބާވަތް އަދި އިތުރު 3 ބާވަތެކެވެ.
މިތަކެތި މިވަގުތު ވިއްކަމުންދަނީ އެސްޓީއޯގެ މައި ފިހާރަ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ރީޓެއިލްކޮށެވެ. އެ ކުންފުނިން ވިދާޅުވީ ތަކެތި މުޅި ރާއްޖެއަށް ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ކުންފުނިން ހަމަޖައްސަމުންދާކަމަށެވެ. އެގޮތުން މާލެ ބާޒާރުމަތީ ސަރަޙައްދުގައި، މޭވާ ތަރުކާރީގެ މި ބާވަތްތައް ވިއްކުމަށް ފިހާރައެއް ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މި ރީޓެއިލް ފިހާރަ ހުޅުވާނީ، ބޮޑުތަކުރުފާނު މަގު އެމްޕީއެލް ކައިރީ، އެސްޓީއޯގެ މަކީޓާ ޝޯވރޫމް ހުރި ތަނުގައެވެ.
މިއީ އަތޮޅުތަކަށް މި ބާވަތްތައް ފޯރުކޮށްދިނުމަށް، ބޯޓުތަކަށް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ފަސޭހަކޮށްދިނުމަށް ހުޅުވާ ފިހާރައެކެވެ. އެސްޓީއޯއިން ވިދާޅުވީ މި ބާވަތްތައް ބޯޓުތަކަށް، ބަނދަރާ ހަމައަށް ޑެލިވަރީކޮށްދިނުމުގެ ޚިދުމަތްވެސް އެ ކުންފުނިން ދޭނެކަމަށެވެ.
މީގެއިތުރުން އަތޮޅުތަކުގައި އެސްޓީއޯގެ ފިހާރަތައް ހުރި ރަށްތަކަށްވެސް މި ބާވަތްތައް ސަޕްލައިކޮށް، ވިއްކޭނެ ގޮތް ހަމަޖައްސަމުންދާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަތޮޅުތަކުގައި އެސްޓީއޯގެ 4 ޑިސްޓްރިބިއުޝަން ސެންޓަރު ހިންގަމުން އަންނައިރު، 12 ރީޓެއިލް ފިހާރަ ހިމެނެއެވެ.
އެސްޓީއޯއިން ވިދާޅުވީ މާލެ ސަރަޙައްދުގައިވެސް އެސްޓީއޯގެ މި ބާވަތްތައް، އެކި ސަރަޙައްދުތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމުވެސް ހަމަޖައްސަމުންދާކަމަށެވެ. އެގޮތުން އަސާސީ ބާވަތްތައް ހިމެނޭގޮތަށް ހުޅުމާލޭގައި އެސްޓީއޯގެ ދާއިމީ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ދާއިމީ ފިހާރައެއް ނެތެވެ. ނަމަވެސް ރަމަޟާން މަހާ ދިމާކޮށް، ވަގުތީގޮތުން މޭވާ ތަރުކާރީ ފަދަ ބާވަތްތައް ވިއްކުމުގެ އިންތިޒާމް ހަމަޖައްސައެވެ. އެ ކުންފުނިން ވިދާޅުވީ ހުޅުމާލޭގައި ދާމީކޮށް މި ބާވަތްތައް ލިބޭނެ ގޮތް ހަމަޖެހިގެންދިއުމަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށާއި އެގޮތުގެމަތިން އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި އެސްޓީއޯގެ ފިހާރައެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.