ޚަބަރު

މާވަށުގައި އައިސް ޕްލާންޓެއް ޤާއިމްކުރަން މިފްކޯއާ ހަވާލުކޮށްފި


  • މާވަށުގައި ޤާއިމްކުރާނީ 30 ޓަނުގެ އައިސްޕްލާންޓެއް

  • އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އައިސްޕްލާންޓުތައް ދަނީ ޤާއިމްކުރަމުން

ހައްދުންމަތީ މާވަށުގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް ސަރުކާރުގެ މަސްކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ ހަވާލުކޮށްފިއެވެ.

މި އައިސް ޕްލާންޓުގެ މަސައްކަތް މިފްކޯއާ ހަވާލުކޮށްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާވަށަށް ވަޑައިގެެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަަސްމިއްޔާތުގައި މި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަންޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަހުމަދު ޝިޔާމްއެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް ޔުނިޓުގެ މެނޭޖަރ މުޙައްމަދު ޝަމީމެވެ.

މާވަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ.

މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ސަރުކާރުން ރައްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަން ހާމަކުރައްވާފައެވެ.