ޚަބަރު

ބަނގުރަލުގެ މައްސަލަތަކުގައި 7 މީހަކު ހައްޔަރުކޮށްފި


  • އެމީހުންނަށް ތުހުމަތު ކުރެވެނީ ބަނގުރާ ގެންގުޅެ ވިޔަފާރިކުރުމުގެ

  • ހައްޔަރުކޮށްފައިވަނީ ހުސް ބިދޭސީން

  • ހަތް މީހުންވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައި

ފުލުހުން ކުރިއަށްގެންދިޔަ 2 އޮޕަރޭޝަނެއްގައި ބަނގުރަލުގެ މައްސަލަތަކުގައި 7 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިިދާޅުވީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބިބަސް ރާއި (24އ) އާއި، ޑެބި ތަމަންގް (39އ) އާއި، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ނޭޕާލް މީހުންނެވެ. މި ހަތަރު މީހުން ތިބި އެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ދެ ފުޅި ފެނިފައިވެއެވެ.

މީގެއިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވަނީ ރަސެލް ޚާން (37އ) އާއި، އެމް.ޑީ ސޮހެލް ހަވްލަދަރ (32އ) އަދި ނުރުލް އިސްލާމް (40އ) އެވެ. މި ތިން މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މި އޮޕަރޭޝަންގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 29 ފުޅިއާއި، ފަސް ލީޓަރުގެ ފުޅިއަކާއި، ތިން ޓައްޕު ފެނިފައިވެއެވެ.

މި ހަތް މީހުންވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.