ޚަބަރު

ޙައްޖު ކޯޕަރޭޝަން ފަރުމާކުރަން ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރަނީ


  • ޙައްޖު ކޯޕަރޭޝަންގެ އުސޫލު ބަދަލުކުރީ މިދިޔަ ސަރުކާރުން

  • މިއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ވަޒީރު ވިދާޅުވި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދައުރެއް އޮންނަ ގޮތަށް ޙައްޖު ކޯޕަރޭޝަން ފަރުމާކުރަން ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަންދޫބު ނުހިމެނޭ ގޮތަށް އެ ކޯޕަރޭޝަންގެ އުޞޫލު މިދިޔަ ސަރުކާރުން ބަދަލުކުރި ކަމަށެވެ. އެއާއެކު ވުޒާރާގެ ދައުރު ޙައްޖު ކޯޕަރޭޝަންގައި ނޯންނަކަމަށް ވިދާޅުވިއެވެ. އަދި މިއީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ވުޒާރާގެ ދައުރެއް އޮންނަ ގޮތަށް ޤާނޫނަކުން ޙައްޖު ކޯޕަރޭޝަން އުފެދެންޖެހޭ ކަމަށެވެ. އެެހެންކަމުން ޙައްޖު ކޯޕަރޭޝަންގެ ޤާނޫނެއް ހެދުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.

"މިއީ ޙައްޖުގެ ނިޒާމަށް ގެނައި ވަރަށް ނުބައި ބަދަލެއް. އަސާސީ ގަވާއިދު ބަދަލުކުރަންޖެހޭ. މިދިޔަ ސަރުކާރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ބޯޑުން ވަކިކުރުން ކުށްވެރިކުރަން. އަޅުގަނޑުމެން ބޭނުންވަނީ ޙައްޖުގެ ކަންކަން ކޮންމެ ސަރުކާރެއްގައި ވެސް ރަނގަޅަށް ހިނގާނެ ގޮތަށް ތަރުތީބުވާނެ ގޮތަށް ހެދުން. މިގޮތަށް ޤާނޫނެއްގެ ދެލި ކޮޕީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން." ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ޙައްޖު ކޯޕަރޭޝަން އުފައްދާފައިވަނީ ވަރަށް މާތް މަޤުޞަދެއްގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދީ، ލުއި އަގެއްގައި ޙައްޖަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޙަލާލް ޓޫރިޒަމް ފަދަ ކަންކަމަށް އިންވެސްޓްކުރުން ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިސާލަކަށް ބައްލަވާ މެލޭޝިޔާ ޙައްޖު ފަންޑުން ވަނީ ރިއަލް އެސްޓޭޓާއި ހޮޓެލްސްއަށް އިންވެސްޓްކޮށްފައި. ރާއްޖޭގެ ޙައްޖު ކޯޕަރޭޝަންގެ އިންވެސްޓްމަންޓްތަކެއްވެސް ހުންނަންޖެހޭ. ޙައްޖު ކޯޕަރޭޝަން ތަރައްޤީކުރުމަށްޓަކައި އެ ފަންޑުން ދުރާލާ އިންވެސްޓްކުރެވޭނެ ގޮތް ހޯދުމަށް މަސައްކަތްކުރަންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

އާމްދަނީ އިތުރުކޮށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކ. މާފުށީގައި ސިޓީ ހޮޓަލެއް އެޅުމަށް ނިންމާފައިވާކަން ޙައްޖު ކޯޕަރޭޝަނުން ވަނީ ހާމަކުރައްވާފައެވެ. އަދި ޙައްޖު ކޯޕަރޭޝަނަކީ ބޭރު ފައިސާއިން މުޢާމަލާތުކުރަންޖެހޭ ކުންފުންޏަކަށްވާއިރު، ބޭރު ފައިސާއިން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް ވެސް މަސައްކަތްކުރަމުން އަންނަކަން އެ ކޯޕަރޭޝަނުން ހާމަކުރައްވާފައިވެއެވެ.