އަންނަ ރަމަޟާން މަހުގެ ކުރިން އިސްލާމީ ކަންކަމާ ގުޅުންހުރި ބޮޑު 15 މަޝްރޫއެއްގެ މަސައްކަތް ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު ބައެއް މަޝްރޫއުތައް މަޑުޖެހިފައިހުރީ ކުރީ ސަރުކާރުން އެ މަޝްރޫއުތައް ހަވާލުކުރި ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށެވެ. އެކަންކަން ހައްލުކޮށް، ވީހާވެސް އަވަހަށް މަޝްރޫއުތައް ނިންމުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިއީ މި ސަރުކާރުގެ އެއްވެސް އިހުމާލެއް އޮވެގެން ވެފައިވާ ކަމެއް ނޫން. އެހެން ބަޔަކު ހަވާލުކޮށްފައިވާ މަޝްރޫއެއް ޤާބިލުނޫން ބަޔަކާ ހަވާލުކުރުމުގެ ސަބަބުން އެ މަޝްރޫއު ލަސްވެފައި މިވަނީ. އަޅުގަނޑުމެންގެ ސަރުކާރު ގާއިމުވިފަހުން ހަވާލުކުރެވުނު މަޝްރޫއުތައް މިދަނީ ނިމެމުން،" އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ދާއިރާގެ މަޝްރޫޢުތަކަށް އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ. އެގޮތުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ޕްރައިވެޓް ސެކްޓަރ ކުންފުނިތަކަށް ދައްކަންޖެހޭ 170 މިލިޔަން ރުފިޔާ ދޫކުރައްވާ ކަމަށް ވިދާޅުވިއެވެ. މިއާއެކު އަންނަ ރަމަޟާން މަހުގެ ކުރިން ބޮޑު 15 މަޝްރޫއެއްގެ މަސައްކަތް ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަންނަ ރޯދަމަހުގެ ކުރިން ބޮޑު 15 މަޝްރޫއެއް ނިމިގެންދާނެ. މީގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ކަމަށެވެ. އެގޮތުން، އެ ވުޒާރާއިން އެކި ފަރާތްތަކަށް 50 މިލިޔަން ރުފިޔާ ދައްކަންޖެހިފައި އޮތް ކަމަށާއި މިހާތަނަށް އެ ފައިސާއާއެކު 170 މިލިޔަން ރުފިޔާ ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.